އުމްރާއަށް މީހުން ގެންދިއުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އުމްރާއަށް ދިއުމަށް ދިވެހިން އެމީހުންގެ އާއިލާއާއެކު އެއާޕޯޓުގައި --- ފޮޓޯ/ ޤިބްލަ ހައްޖު އެންޑް އުމްރާ

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަންނާނީ އަންނަ އާދިއްތަ ދުބަހުން ފެށިގެން މި މަހުގެ 23ވަނަ ދުވަހާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުންނެވެ. މިކަމަށް ބޭނުންވާ ޕްރޮޕޯޒަލްފޮތް މާދަމާއިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

އުމްރާއަށް މީހުން ގެންދާ ފަރާތްތަކުގެ ފަސް ޝަރުތެއް ހަމަވާން ޖެހެއެވެ. އެއީ:

  • ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ މަގްސަދު ތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިއުމުގެ ޚިދުމަތް ހިމެނިފައި ވުން އަދި 100 ޕަސަންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުން.
  • ހައްޖަށް ނުވަތަ އުމްރާއަށް ގެންދިއުމަށް އެއްވެސް ފަރުދެއް އަތުން ގަވާއިދާ ޚިލާފަށް ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރި ވެފައި ވާނަމަ ނުވަތަ ހައްޖުގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާކަން ސާބިތުވެފައިވާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ނުވަތަ ނުވަތަ މެނޭޖްމަންޓުގައި ހިމެނިފައި ނުވުން
  • އުމްރާއަށް މީހުން ގެންދިއުމަށް އެދޭއިރު ކޮންމެ ކުންފުންޏަކުން ވެސް ކުންފުނީގެ މައުލޫމާތާ، އުމްރާއަށް މީހުން ގެންދިއުމަށް އެދޭ އަދަދު ހިމެނޭ ޕްރޮޕޯސަލްއެއް ހުށަހެޅުން
  • ހުއްދައަށް އެދޭ ކުންފުނީގެ ޑައިރެކްޓަރުންނަކީ، ހުއްދައަށް އެދޭ ދުވަހާ ހަމައަށް އެއްވެސް ޖިނާއީ ކުށެއް ތަންފީޒު ކުރަމުން ދާ ނުވަތަ ކޮށްފައިވާ މީހެއް ކަމުގައި ނުވުން އަދި އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތެއް ކަމުގައި ނުވުން
  • އުމްރާއަށް މީހުން ގެންދިއުމުގެ މަސައްކަތަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްފެންވަރުގެ އޮފީހެއް މާލޭގައި ހުރުން

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ.

comment ކޮމެންޓް