ޓްރަމްޕް އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ނިންމައި، ފަސް މިލިއަން ޑޮލަރު ދައްކަން އަންގައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް ބަލަމުންދާ މައްސަލައެއްގައި ކޯޓުގައި --

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް އެ މައްސަލަ ބެލި ނިއު ޔޯކްގެ ޖޫރީއަކުން ނިންމައި، އަންހެން މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދައްކަން އިއްޔެ އަންގައިފިއެވެ.

މަދަނީ މައްސަލައެއްގެ ގޮތުގައި މަންހަޓަން ފެޑެރަލް ކޯޓުގައި ބެލި އެ މައްސަލަ ނިންމާފައި ވަނީ ހަ ފިރިހެނުންނާއި ތިން އަންހެނުން ހިމެނޭ ޖޫރީއަކުންނެވެ.

ޓްރަމްޕްއާ ދެކޮޅަށް އެ މައްސަލަ ހުށަހަޅާފައި ވަނީ ނޫސްވެރިއެއް ކަމަށްވާ އީ ޖީން ކެރޮލްއެވެ. އެގޮތުން ޓްރަމްޕްގެ މައްޗަށް ކޮށްފައި ވަނީ 1996 ވަނަ އަހަރު ފިހާރައެއް ތެރޭގައި އޭނާ ކެރޮލް ރޭޕް ކުރި ކަމުގެ ތުހުމަތެވެ.

އެ މައްސަލައިގައި ޖޫރީގެ އިއްތިފާގުން ނިންމާފައި ވަނީ ޓްރަމްޕްގެ މައްޗަށް ރޭޕްގެ ދައުވާ ސާބިތުނުވި ނަމަވެސް ޖިންސީ ގޯނާކުރިކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން ކެރޮލްއަށް ދެ މިލިއަން ޑޮލަރު ދައްކަން ޓްރަމްޕްއަށް ވަނީ އަންގާފައެވެ.

ހަމައެއާއެކު، ކެރޮލް ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ އެއީ އަބުރަށް އަރައިގަތުން ކަމަށް ޖޫރީން ވަނީ ކަނޑައަޅާފައެވެ. އޭގެ ގެއްލުމުގެ ބަދަލެއްގެ ގޮތުން ތިން މިލިއަން ޑޮލަރު ދެއްކުމަށް ޖޫރީން ވަނީ އަންގާފައެވެ.

ކޯޓުގެ ނިންމުމަށް ފަހު ކެރޮލް މީޑިއާއާ ވާހަކަދައްކާފައި ނުވެއެވެ. ނަމަވެސް އޭނާގެ ވަކީލުން ވަނި ނިންމުމާ މެދު ވަރަށް އުފާވާ ކަމަށް ބުނެފައެވެ.

އެ މައްސަލައިގެ އަޑުއެހުންތަކަށް ޓްރަމްޕް ހާޒިރުވެވަޑައިނުގަންނަވައެވެ. ނަމަވެސް ކޯޓުގެ ނިންމުމަށް ފާޑު ވިދާޅުވެ، އެއީ ޓްރަމްޕާ ދެކޮޅަށް ކުރިއަށްގެންދާ ބޮޑު ކެމްޕޭނެއްގެ ބައެއް ކަމަށް އޭނާ ވަނީ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވިދާޅުވެފައެވެ.

ޓްރަމްޕް ގެންދަވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކެމްޕޭން ކުރައްވަމުންނެވެ.

ޓްރަމްޕްގެ ކެމްޕޭން ޓީމުން ވަނީ އެ މައްސަލައަކީ އޭނާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ސިޔާސީ ހަރަކާތެއް ކަމަށް ބުނެފައެވެ.

ޓްރަމްޕްއާ ދެކޮޅަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ ތުހުމަތު ކުރި އަންހެނުންގެ އަދަދު 25އަށް އަރައެވެ.

މީގެ އިތުރުން، ބަރަހަނާ ފިލްމުކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ހިންގި ބަދުއަޚުލާގީ ގުޅުންތަކުގެ ހަގީގަތް ފޮރުވުމަށްޓަކައި ސްޓޯމީއަށް ފައިސާ ދެއްވި މައްސަލައިގައި އެނާގެ މައްޗަށް ޖިނާއީ ދައުވާތަކެއް ވެސް އުފުލާފައިވެއެވެ.

ނަމަވެސް އޭނާ ވަނީ އެ ހުރިހާ ތުހުމަތެއް ދޮގުކުރައްވާފައެވެ.

comment ކޮމެންޓް