ދުނިޔޭގެ ތިންވަނަ ބާރެއްގެ ގޮތުގައި ޔޫރަޕް ފާޅުވާކަށް ބޭނުމެއް ނޫން: ޖަރުމަނު

އޮލްފް ޝޯލްޒް ޔޫރަޕްގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަނީ

ސްޓްރަސްބާގް (10 މެއި 2023): ދުނިޔެ މިދަނީ އެއްބާރުގެ ކޮންޓްރޯލް ގެއްލި ގިނަ ބާރުތަކެއްގެ ކޮންޓްރޯލް އޮންނަ ނިޒާމަކަށް ބައްޓަންވަމުން ކަމަށާއި ނަމަވެސް ދުނިޔޭގެ ތިންވަނަ ބާރެއްގެ ގޮތުގައި ޔޫރަޕް ފާޅުވުމަށް ތާއީދު ނުކުރާކަން ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޖަރުމަނުން ބުނެފިއެވެ.

ސްޓްރަސްބާގްގައި ހުންނަ ޔޫރަޕިއަން ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ޖަރުމަނުގެ ޗާންސެލާ އޮލްފް ޝޯލްޒް ވިދާޅުވީ ދުނިޔޭގެ ބޮޑު ދެ ބާރަކީ އެމެރިކާއާއި ޗައިނާ ކަމަށްވާއިރު ތިންވަނަ ބާރަކަށް ޔޫރަޕް ވުމަށް ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ގެންގުޅުއްވާ ޚިޔާލަށް ތާއީދުނުކުރައްވާ ކަމުގައެވެ.

ޝޯލްޒް ވިދާޅުވި ގޮތުގައި ޔޫރަޕްގެ މާޒީއަށް ބަލާއިރު ބޮޑެތި ބާރުތަކަށްވި ޔޫރަޕްގެ ގައުމުތަކުގެ މެދުގައިވަނީ ބޮޑެތި ހަނގުރާމަތަކެއް ކުރެވި އެތައް ފަހަރަކު ބޮޑެތި ލޭއޮހޮރުވުންތަކެއް ހިނގައި ހިތި ތަޖުރިބާތަކެއް ކުރެވިފައި ކަމަށާއި ޔޫރަޕްގެ ގައުމުތައް ގުޅިގެން ބޮޑު ބާރެއްގެ ގޮތުގައި ދުނިޔޭގައި ވާދަ ކުރުމަކީ މުސްތަގުބަލަށް ބެލި ނަމަވެސް ރިސްކު ބޮޑު ގެއްލުންހުރި ކަމެކެވެ.

އޭގެ ބަދަލުގައި ޔޫރަޕަށް އެންމެ ރަނގަޅު ގޮތަކީ "ސްޓްރެޓީޖިކް އައުޓޮނޮމީ" ސިޔާސަތެއް ނުވަތަ ވަކިކޮޅަކަށް ނުޖެހޭ މިނިވަން މުސްތަގިއްލު ސްޓްރެޓެޖީއެއް ގެންގުޅުން ކަމަށް ޝޯލްޒް ވިދާޅުވިއެވެ.

ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ޗައިނާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ދެއްވި ބަޔާނެއްގައި ވަނީ ޔޫރަޕުގެ ގައުމުތަކަކީ އެމެރިކާ ބުނާހާ ގޮތެއް ހަދާ ގޮތަށް އޮންނަ، އެމެރިކާއަށް ތަބާވާ ގައުމުތަކަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ ޔޫރަޕްގެ ގައުމުތައް ގުޅިގެން ދުނިޔޭގެ ތިންވަނަ ބާރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.

މެކްރޯން ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ޔޫރަޕަކީ އަމިއްލަވަންތަކަން ނެތް، އެމެރިކާއަށް ތަބާވާ ގައުމުތަކެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޮޑެތި ފިއްތުތަކެއް ކުރިމަތިވާ ގައުމުތަކެއް ކަމަށާއި އެ ފިއްތުންތަކަށް ޔޫރަޕްގެ ގައުމުތައް ބޯލަނބައިގެން ނުވާނެ ކަމުގައެވެ. ޔޫރަޕަށް ފިއްތުންތައް ކުރިމަތިކުރާ ކަމަށް މެކްރޯން މި އިޝާރާތް ކުރައްވަނީ އެމެރިކާއަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ތައިވާނާއި ޗައިނާގެ މައްސަލައިގެ ތެރެއަށް އެމެރިކާ ވަނަސް އެ ކަމުގެ ތެރެއަށް ވަނުމަކީ ޔޫރަޕަށް މަސްލަހަތު ހުރި ކަމެއް ނޫންކަމަށް މެކްރޯން ވަނީ ވިދާޅުވެފައެވެ. އަދި، ތައިވާނާއި ޗައިނާގެ މައްސަލައިގެ ތެރެއަށާއި ދެކުނު ޗައިނާ ކަނޑުގެ އަރާރުންތަކުގެ ތެރެއަށް ޔޫރަޕް ވެއްދުމަށް ވެސް (އެމެރިކާގެ ފަރާތުން) ޔޫރަޕަށް ފިއްތުންތައް ކުރިމަތިވާކަން މެކްރޯން ވަނީ ފާހަގަ ކުރައްވައިފައެވެ.

މެކްރޯން މިހެން ވިދާޅުވުމާ އެކު އެމެރިކާގެ ބައެއް މަސްއޫލުވެރިންވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި މެކްރޯންއަށް ޖޯކު ޖައްސަވައިފައެވެ.

ރަޝިއާ ވަށާލުމަށް ނޭޓޯ ކުރާ މަސައްކަތްތަކާ ކުރިމަތިލުމަށްޓަކައި ރަޝިއާއިން ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު އެމެރިކާ އިސްވެ އޮވެގެން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވެ އެމެރިކާއާ އެކު އެ ފިޔަވަޅުތައް ތަންފީޒުކުރަމުން ގެންދާ ހަމައެކަނި ގައުމުތަކަކީ ޔޫރަޕްގެ ގައުމުތަކެވެ. އެމެރިކާގެ މި ފިޔަވަޅުތަކުގައި ދުނިޔޭގެ އެހެން ގައުމުތަކުން ބައިވެރިއެއް ނުވެއެވެ.

ނަމަވެސް ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެން ފެށުމުން ޔޫރަޕްގެ ގިނަ ގައުމުތައްވަނީ ފަރުދާގެ އަނެއް ފަރާތުން ނުރަސްމީކޮށް ސިއްރިޔާތުގައި ރަޝިއާއާ ވިޔަފާރީގެ މުއާމަލާތްތައް އަލުން ހިންގަން ފަށާފައެވެ.

ޔޫރަޕަކީ ހަކަތައިގެ ގުދްރަސީ ރިސޯސް ވަރަށް މަދު ސަރަހައްދަކަށްވާތީ ރަޝިއާއާ އެކު ސިއްރިޔާތުގައި ނަމަވެސް ތެލާއި ގޭހުގެ ވިޔަފާރި ނުކޮށް ވާނެ ގޮތެއް ނެތްކަން ޔޫރަޕަށް އެނގެއެވެ. ޔޫރަޕްގެ ގައުމުތަކަކީ އުފެއްދުންތެރި އަދި، ސިނާއީ ގޮތުން ފުންނާބު އުސް ގައުމުތަކަށް ވިޔަސް ގުދުރަތީ ރިސޯސް މަދުވުމާއި އާބާދީ މުސްކުޅިވުމާ އަދި ގައުމުތަކުގެ ސައިޒު ކުޑަވެފައި ޔޫރަޕްގެ ކޮންމެ ގައުމަކީ ވެސް އަމިއްލަ ޚާރިޖީ ސިޔާސަތެއް އޮންނަ މިނިވަން ގައުމަކަށްވާތީއާއި ވަކި ބަހަކާއި ތާރީޚާ އަދި ސަގާފީ ވަކި ތަރިކަތަކެއް އޮންނަ ގައުމުތަކެއް ކަމަށްވާތީ ބޮޑު އިއްތިހާދީ އެއްބާރެއްގެ ގޮތުގައި ދުނިޔޭގެ މަސްރަހުގައި ހަރަކާތްތެރިވުމަކީ އަމަލީ ގޮތުން ޔޫރަޕަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޔޫރަޕްގެ ސިޔާސީ މުފައްކިރުން ދެކެވަޑައިގަންނަވައެވެ.

ނަމަވެސް ޔޫރަޕްގެ މުސްތަގިއްލު މުފައްކިރުން ދެކޭ ގޮތުގައި އެމެރިކާ ބުނާހާ ގޮތެއް ހަދައިގެން އެމެރިކާއަށް ތަބާވާ ސަރަހައްދެއްގެ ގޮތުގައި ޔޫރަޕް އޮވެގެން ނުވާނެއެވެ. އެ ބޭފުޅުންވަނީ ޔޫރަޕްގެ ސިޔާސަތުތައް މިހާރު ބައްޓަން ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހޭކަން އެކިއެކި ފޯރަމްތަކުގައި ހާމަކުރައްވައިފައެވެ.

ޖަރުމަނުގެ ޗާންސެލާ އޮލްފް ޝޯލްޒް ވިދާޅުވި ގޮތުގައި ކުރީ ޒަމާނުގައި ބޮޑެތި އެންޕަޔާ ބާރުތަކެއްގެ ގޮތުގައި ޔޫރަޕްގެ ބޮޑެތި ބާރުތައް ދުނިޔޭގައި ހަރަކާތްތެރިވިގޮތަށް އަދުގެ ދުނިޔޭގައި (ޔޫރަޕަށް އެކަތިގަނޑަކަށް ވެގެން) ހަރަކާތްތެރިވުމަކީ ޖަރުމަނުގެ ސިޔާސަތެއް ނޫނެވެ. އަދި، އެއީ އަމަލީ ގޮތުން ކުރެވޭނެ ވެސް ކަމެއް ނޫނެވެ.

މިއަދު އެމެރިކާ ފިޔަވައި ދުނިޔޭގެ ބޮޑެތި ބާރުތަކަށް ވަމުންދާ ޗައިނާ، އިންޑިއާ، ރަޝިއާ، ބްރަޒީލް އަދި އިންޑޮނީޝިއާ ފަދަ ގައުމުތަކަކީ އާބާދީގެ ގޮތުންނާއި ގުދްރަތީ ރެސޯސް ގެ ގޮތުންނާ އަދި ބިމުގެ ސައިޒްގެ ގޮތުން ޔޫރަޕްގެ ގައުމުތަކާ އަޅާބަލާއިރު ވަރަށް ބިޔަ އަދި ބޮޑެތި ގައުމުތަކެކެވެ. މުސްތަގްބަލްގައި ޔޫރަޕްގެ އެއްވެސް ގައުމަކީ އެކަހެރި ގޮތެއްގައި މި ގައުމުތަކާ ވާދަ ކުރެވޭ ވަރަށްވުރެ ގުދްރަތީ ރެސޯސްގެ ގޮތުންނާ އަދި ބިމުގެ ސައިޒްގެ ގޮތުންނާ އަދި އާބާދީގެ ގޮތުން މި ގައުމުތަކާ ވާދަކުރެވޭ ވަރަށްވުރެ މާ ބަލިކަށި ގައުމުތަކެކެވެ.

comment ކޮމެންޓް