ބްރޯޑްކޮމްއަށް ޞަފާ އައްޔަން ކުރައްވައިފި

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސް ޞާލިޙް ޞަފާއަށް އަރުވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް، ދ. މީދޫ، ބިއްލޫރިވިލާ ޞަފާ ޝަފީޤު މިއަދު އައްޔަންކުރައްވައިފިއެވެ.

ޞަފާ ޝަފީޤު މި މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައެވެ.

ޞަފާ އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން، މާސްޓަރ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓާ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

ޞަފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށަހަޅައިދެއްވައިފައެވެ. އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަގާމުގައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ޞަފާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އެ ކޮމިޝަނަށް ޞަފާ އައްޔަން ކުރެއްވީ އެ ކޮމިޝަނުގެ މެމްބަރު އަމްޖަދު ވަހީދުގެ ދައުރު ހަމަވުމުންނެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިން ކޮމިޝަނުގައި ޞަފާގެ އިތުރުން ތިއްބަވަނީ ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާ އާއި ނައިބު ރައީސް މުހައްމަދު ފަޒީނާއި ކޮމިޝަނުގެ މެމްބަރުން ކަމަށްވާ އައިމިނަތު އަމީނާއާއި އަލީ ޔޫސުފާއި ޝިފްލާ އިބްރާހީމެވެ.

comment ކޮމެންޓް