ކެނެޑާގެ ބޮޑުވަޒީރު ގަޔަށް ވެލި އުކި މީހަކު 90 ދުވަހަށް ގޭބަންދަށް

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ-- ފޮޓޯ/ ގެޓީ އިމޭޖަސް

ކެނެޑާގައި 2021 ވަނަ އަހަރުގެ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ގަޔަށް ވެލި އުކި މީހަކު، 90 ދުވަހަށް ގޭ ބަންދަށް ހުކުމްކޮށް 12 މަސް ދުވަހުގެ ޕްރޮބޭޝަނެއް ދީފިއެވެ.

ކެނެޑާގެ އޮންޓާރިއޯގެ ކޯޓުން އިއްޔެ ވަނީ އޭނާގެ މައްޗަށް، ބޮޑުވަޒީރާއި 100 މީޓަރު ކައިރި ނުވެވޭގޮތަށް އަމުރުކޮށް ހުކުމްކޮށްފައެވެ.

މި ހަމަލާއާ ގުޅިގެން ފަނޑިޔާރު ކެވިން މެކްހުގް ވިދާޅުވީ މިފަދަ ފަރާތްތަކާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކަކީ ޑިމޮކްރަސީއާ ހިލާފު އަމަލުތަކެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން ޖެހޭ ކަމަށެވެ.

ބޮޑުވަޒީރަށް މި ހަމަލާ ދީފައިވަނީ ޝެން މާޝަލް ނަމަކަށް ކިޔާ، ކެނެޑާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕީޕަލްސް ޕާޓީއަށް ނިސްބަތްވާ ރައްޔިތެކެވެ. ކެމްޕެއިން ދުވަސްވަރު އެ ޕާޓީން ދިޔައީ ކޮވިޑް-19 އާ ގުޅިގެން ބޮޑުވަޒީރު ޓްރޫޑޯ ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

ކެމްޕެއިންގެ ތެރެއިން ބޮޑުވަޒީރު ޓްރޫޑޯ ވަނީ އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ ބައިވެރިން ކައިރިއަށް އައިސް ބައްދަލުކުރައްވާފައެވެ. އޭރު މުޒާހަރާގައި މާޝަލް ވެސް ހުއްޓެވެ.

ބޮޑުވަޒީރު އެނބުރި ބަހަށް އަރަން އުޅެނިކޮށް މާޝަލް ވަނީ އޭނާއާ ދިމާލަށް ވެލި އުކާފައެވެ. އެހެންނަމަވެސް ބޮޑުވަޒީރަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަހުން މާޝަލް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފުވެފައެވެ. ޓްރޫޑޯއާ ވަކިން މުހާތަބު ނުކުރެއްވި ނަމަވެސް ކޯޓުގައި އޭނާ ކުރި އަމަލުތަކަށް "އެންމެންގެ ކިބައިން" އޭނާ ވަނީ މައާފަށް އެދިފައެވެ.

އުމުރުން 26 އަހަރުގެ މާޝަލްއަށް ޕްރޮބޭޝަން އަދި ގޭބަންދަށް ހުކުމް ކުރުމުގެ އިތުރުން ގާޒީ ވަނީ ކައުންސެލިން ހެދުމަށް ވެސް އަމުރުކޮށްފައެވެ.

މާޝަލްގެ ދިފާއީ ވަކީލު އޭނާއާ ބެހޭގޮތުން ބުނެފައިވަނީ މާޝަލްއަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި ބޮޑުވަޒީރު ޓްރޫޑޯއާ ދިމާލަށް ވެލި އުކި އިރު އޭނާ އުޅުނީ ރުޅި ކޮންޓްރޯލް ނުކުރެވޭ މައްސަލަތަކަކާ ކުރިމަތިލަމުން ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ޓްރޫޑޯ ވިދާޅުވީ އޭނާގެ ކެމްޕެއިން ހަރަކާތުގައި މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ހުރީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ހަމަނުޖެހުން ހިންގުމުގެ އިންޒާރުގެ ދަށުން ނުވަތަ އެހެން މީހުން ނުރައްކަލުގެ ތެރެއަށް ވައްޓާލާ ފަދަ އަމަލުތައް ހިންގުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކެމްޕެއިންގައި ޓްރޫޑޯގެ އިދިކޮޅުން ވާދަކުރި އެރިން އޮޓޫލޭ ވެސް ވަނީ އެ އަމަލު ކުށްވެރިކޮށް އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް