އަމިއްލަ މަސައްކަތް ކުރާ މީހުންނަށް މާލީ އެހީ ދެނީ

އޮތެންޓިމް މޯލްޑިވްސް ފިހާރަ --

އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން 500 ފުރުސަތު ހުޅުވައިލައިފައިވާއިރު 40 ޕަސެންޓު ޚާއްސަކުރާނީ އަންހެނުންނަށެވެ.

މިއީ އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.

އެހީވެދޭ ދާއިރާތައް:

  • އަތްތެރި މަސައްކަތް
  • ބިއުޓީ އަދި މޭކަޕް ކުރުން'
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  • ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • ކްރިއޭޓިވް އާޓްސް އަދި މިއުޒިކް
  • ކުޅިވަރު އަދި ފިޓްނަސް

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށްވުމާއި، އަމިއްލަ ނަމުގައި ދިވެހި ރުފިޔާ އެކައުންޓެއް އޮތް މީހަކަށް ވާން ޖެހެއެވެ. އަދި، މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނު ވޯކްޝޮޕް ފުރިހަމަ ކުރަން ވެސް ޖެހެއެވެ.

މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ މީހަކަށް ވެސް ވާން ޖެހެއެވެ. އަދި ފާއިތުވި ހަތަރު ހަފުތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ މީހަކަށް ނުވުން ނުވަތަ ވަޒީފާ އަދާކުރާނަމަ ހަފުތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާގައި މަސައްކަތް ނުކުރުމަކީ ވެސް ޝަރުތެކެވެ.

މި ޕްރޮގްރާމުގެ ދަށުން މާލީ އެހީގެ ގޮތުގައި 60،000 ރުފިޔާއާ ހަމައަށް އެހީވެދޭއިރު، އެއީ ހަރުމުދާ ގަތުމަށާއި، ވިޔަފާރިއަށް ބޭނުންވާ ސްޓޮކް ގަތުމަށް ވާ އެހީއެކެވެ.

comment ކޮމެންޓް