ގައުމު ގައުކަމަށް ވަނީ ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްގީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަ މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފަރުމާ އިންޓާނޭޝަނަލް ޔޫތު ފެސްޓިވަލް 2023 މިރޭ ހުޅުއްވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި ފަންނުވެރިކަމުގެ ދިގު ތާރީޙަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި، ލާފެންކުރުމާއި، ތެދު އުއި ވަޑާމާއި ކިއްސަރުވަޑާމުގެ މަސައްކަތްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ހުނަރުވެރި ދިވެހި ފަންނުވެރިން ތިބިކަން ދެނެގަނެވުނީ ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ކުރި ކަވި މަސައްކަތުގެ ތެރެއިންނެވެ. ނަމަވެސް އެފަދަ ހުނަރުވެރީންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު ދާދި ފަހަކާޖެހެންދެން ވެސް އޮތީ ވަރަށް ހަނިގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"ގައުމެއްގައި ނުވަތަ މުޖުތަމައުއެއްގައި ވިޔަސް ތަހުޒީބާއި ތަރައްގީގެ ސިފަތައް ޖެހިގެން ދަނީ ކަން ކުރަން ދަންނަ ފާޑުވެރިން ނުވަތަ ފަންނުވެރިން އެތަނެއްގައި އުފެދިގެން. މި ރާއްޖެއަކީ އެކަމުގެ ވަރަށް ދިރި ހުރި މިސާލެއް. ރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީޚެއް އޮތް ގައުމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ފަންނުވެރިކަމަކީ އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ގައުމީ ތަރައްގީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުންކަން ފާހަގަކުރެއްވިއެވެ. އެގޮތުގެ މަތީން މި ސަރުކާރުގެ ސިޔާސަތަކީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޭ ހުޅުވިގެން ދިޔަ، އާޓް ފެސްޓިވަލާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މި ފެސްޓިވަލްގައި ވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާ ކަމީ، މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މި ފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް، ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ފަރުމާ އިންޓާނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023ގައި، ޖުމުލަ އަށް ގައުމަކުން 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެއެވެ. މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ.
މި ފެސްޓީވަލް ކުރިޔަށްދާނީ މިއަދުން ފެށިގެން މި މަހުގެ 13އަށް ސޯޝަލް ސެންޓަރުގައެވެ.