ދާއޫދަށް ޝަރަފްގެ މެޑަލް ދިންގޮތް ބަލަން ރައީސްގެ ކިބައިން އެދިއްޖެ

ފުލުހުންގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިހު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާދީފައިވާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގެ މެޑަލް ދެއްވުމުން އެކަން ހިނގިގޮތެއް ބަލައިދޭން ޕޮލިސް ބޯޑުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކިބައިން އެދިއްޖެއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން 2021 އަހަރު ފާސް ކުރި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުންނެވެ.

ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުން:

  1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  2. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  3. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު
  4. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  5. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
  6. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  7. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

މި ލިސްޓުގައި ހިމެނިވަޑައިގަންނަވާ ދާއޫދަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބުނީ ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައެވެ.

އެ ކަމާ ގުޅިގެން ފުލުހުންގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޕޮލިސް ބޯޑުން ވަޒީފާއިން ވަކިކުރަން ލަފާދީފައިވާ ފުލުހަކަށް ޝަރަފުގެ މެޑަލް ދޭން ޖެހުނީ ކީއްވެތޯ ޕޮލިސް ބޯޑުން ބަލަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގެ ޝަކުވާ ޕޮލިސް ބޯޑުން މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ރައީސް އޮފީހަށް ލިޔުމުން ފޮނުވާފައިވާ ކަމަށެވެ.

މި ކަން ޕޮލިސް ބޯޑުން ބަލަމުންދާއިރު، އެ ހަތް ބޭފުޅުން ވަކިކުރުމުގެ މައްސަލަ އަދިވެސް އޮތީ ކޯޓުގައެވެ.

ވަޒީފާއިން ވަކިކުރަން ނިންމާފައި ވަނިކޮށް ޗީފް ސުޕްރިންޓެންޑެންޓް ޝުހާދު ވަނީ ރިޓަޔާ ކުރައްވާފައެވެ.

comment ކޮމެންޓް