މޯލްޑިވިއަންއިން ދަރަވަންދުއަށް އަލުން ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ ދަތުރުތައް ދަރަންދުއަށް އަލުން ފަށަން ވަނީ ނިންމައިފައި -- ފޮޓޯ/ ފްރެންޗް ފްރޮގްސް ޕިކްސް

ސަރުކާރުގެ އެއާލައިން، މޯލްޑިވިއަންއިން ބ. ދަރަވަންދޫ އެއާޕޯޓަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ މިއަދު "ސަން"އަށް ވިދާޅުވީ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ރަށަށް ދަތުރުތައް ފެށޭނެ ކަމަށެވެ. ފުރަތަމަ ފަށާ ދަތުރުތައް ކުރާނީ ޚާއްސަ ފެއާއެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖެނީފާ އިތުރަށް ވިދާޅުވީ، އަންނަ އާދިއްތަ ދުވަހުން ފަށައިގެން ދަރަވަންދުއަށް ބުކިން ހެއްދޭނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް ދަތުރުތައް އޮންނާނެ ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ، ކުރިއާލައި ޓިކެޓް ނެގުމުން 15-5 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ދޭނެ ކަމަށެވެ. އެގޮތުން އެއްކޮޅު ޓިކެޓުގެ އަގަކީ 1125 ރުފިޔާ ނަމަވެސް ކުރިއާލައި ޓިކެޓް ނަގާނަމަ 859 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަންއިން ދަރަވަންދުއަށް ކުރިން ކުރަމުން އައި ދަތުރުތައް ހުއްޓާލީ 2019ވަނަ އަހަރު މަންޓާ އެއާގެ ދަތުރުތައް އެ އެއާޕޯޓަށް ފެށުމާ ގުޅިގެންނެވެ.

ޖެނީފާ ވިދާޅުވީ އަލުން ދަތުރުތައް ފެށުމުގެ ސަބަބުން ބ. އަތޮޅަށް ދަތުރުކުރާ ގިނަ ބަޔަކަށް ފަސޭހަތަކެއް ވާނެ ކަމަށެވެ.

"އެ ރަށަށް ތިން އެއާލައިން ދަތުރުކުރަން ފެށުމުން ޗޮއިސްތައް ގިނަ ވާނެ،" ޖެނީފާ ވިދާޅުވިއެވެ.

comment ކޮމެންޓް