އިމާމް ޗުއްޓީއަށް ދިއުމުން މިސްކިތާ ހަވާލުވީ 14 އަހަރުގެ އަފްރަސް!

ށ. މިލަންދޫ ސްކޫލު ގްރޭޑް ހަތެއްގައި ކިޔަވާ އުމުރުން 14 އަހަރުގެ އަހުމަދު އަފްރަސް ހަލީމް

ށ. މިލަންދޫ މިސްކިތުގެ އިމާމު މިދިޔަ ހަފުތާގައި ޗުއްޓީނެގިއެވެ. އެއަށްފަހު އެ މިސްކިތާ ހަވާލު ވާނެ އިމާމަކު ނެތުމުން އެކަން ކޮށްދިނުމަށް، ރަށުގެ ކައުންސިލުން އެދުނީ އެރަށު ސްކޫލު ގްރޭޑް ހަތެއްގައި ކިޔަވާ އުމުރުން 14 އަހަރުގެ އަޙްމަދު އަފްރަސް ހަލީމްގެ ގާތުގައެވެ.

އުމުރުން މިހާ ހަގު ކުއްޖެއްގެ ގާތުގައި ކައުންސިލުން މިފަދަ ކަމެއްގަ އެދުމުގެ ފަހަތުގައި ހަމަ ގައިމު ވެސް ސަބަބުތަކެއް ވާނެއެވެ.

އަފްރަސް އަކީ އަބަދު ވެސް ޤުރުއާނަށް ލޯބިކުރާ ކުއްޖެކެވެ. އަދި އިމާމުވެ މިސްކިތުގައި ނަމާދު ކުރުމުގެ ހުވަފެން އަބަދު ވެސް ދެކޭއިރު، ދޭތެރެއަކުން މިސްކިތުގައި އިމާމުވެ ނަމާދުކުރާތާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ވެދާނެއެވެ.

ނަމަވެސް މިދިޔަ ހަފުތާގައި އަފްރަސްއަށް ލިބުނީ މުޅިން ތަފާތު ފުރުސަތެކެވެ. އެދިއެދި ހުރި ކަމަކުން މުޅިން އާ ތަޖުރިބާއެކެވެ.

އަފްރަސްއާ ތިމާގެކަމުގެ ގުޅުން ވެސް އޮންނަ އެރަށު މިސްކިތުގެ މުދިމު މުހައްމަދު ރަފީގު ޗުއްޓީ ނެގުމުން އެ މަގާމު ފުރާނެ އިތުރު މުދިމަކު ރަށުގައެއް ނެތީއެވެ. އެހެންކަމުން އޭނާ އެ ފުރުސަތު އަފްރަސްއަށް ދިނެވެ. ރަށުގެ ކައުންސިލުން ވެސް ބޭނުންވީ އެގޮތެވެ.

"މުދިމު ވެސް އަފްރަސްއަށް ކުޑަ ތަމްރީނެއް ދީގެން އަފްރަސް މިސްކިތާ ހަވާލުވީ،" އަފްރަސްގެ މަންމަ ފާތިމަތު ފިރާޝާ ބުންޏެވެ.

އެގޮތުން މިދިޔަ ހަފުތާގެ ފަސް ދުވަހު އަފްރަސް އިމާމުވެ އެރަށު މިސްކިތުގައި ހުރިހާ ނަމާދެއް ކުރިއެވެ. ފަހަތަށް ނުޖެހި އޭނާ ސާބިތުކޮށްދިނީ އޭނާގެ ގާބިލުކަމާއި އެކަމަށް ހުރި ޝައުގެވެ.

ފިރާޝާ ބުނީ، އަފްރަސް އަބަދު ވެސް ބަންގި ގޮވާ އިމާމުވެ ނަމާދުކުރަން ބޭނުންވާ ވާހަކަ އެރަށުގެ މުދިމުގާތު ވެސް ބުނާކަމަށެވެ. އެހެންކަމުން އެކަމުގައި އަފްރަސްގެ ޝައުގުވެރިކަން ހުންނަ މިންވަރު އިމާމަށް ވެސް އެނގޭކަމަށް ފިރާޝާ ބުންޏެވެ.

މީގެ އިތުރުން އަފްރަސް މިވަގުތު ދަނީ ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ސްކޫލަށް ވަގުތު ހުސްކުރުމަށް ފަހު އޭނާއަށް ލިބޭ ހުސްވަގުތު ގޭގައި އަމިއްލައަށް ކުރާ މަސައްކަތެވެ.

"ސްކޫލަށް ވަގުތު ދީފަ ޤުރުއާން ކިޔަވާ އެ މަސައްކަތް ކުރަން ވަގުތު ވޭ. ވަގުތު މެނޭޖްކުރުމުގަ އިރާދަކުރެއްވިއްޔާ އެއްވެސް ދައްޗެއް ނުވޭ،" އޭނާ ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި މިއީ އަފްރަސް މުސްތަގުބަލުގައި މި ދާއިރާއިން ކުރިއަށް ދިއުމަށް އެޅުނު ފަހި ބިންގަލެކެވެ.

"މި ފުރުސަތަކީ ކުޑައިރުން ފެށިގެން ވެސް އަފްރަސް ވެސް އޭނާގެ މައިންބަފައިން ވެސް އެކަމަށް އެދިގެން މަސައްކަތް ކުރާ ފުރުސަތެއް،" ފިރާޝާ ބުންޏެވެ.

އަފްރަސްއަށް މި ފުރުސަތު ލިބުމުގެ ފަހަތުގައި އޭނާ ޝުކުރު އަދާކުރަން ބޭނުންވާ، އޭނާގެ ވަރަށް ގިނަ އެހީތެރިން އެބަ ތިއްބެވެ. އެގޮތުން ސްކޫލުގެ ޕްރިންސިޕަލްގެ ފަރާތުން ލިބުނު ހިތްވަރާއި އެހީތެރިކަމަކީ މިކަމުގައި އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ވެސް، ކައުންސިލް އިދާރާއިން ވެދިން އެހީތެރިކަމާއި ރަށުގެ މުދިމުގެ ފަރާތުން ލިބުނު އެހީ ވެސް އަފްރަސް ފާހަގަކުރިއެވެ.

ރަށު މިސްކިތުގެ އިމާމު ޗުއްޓީގައި ހުރިއިރު، މިސްކިތާ ހަވާލުވެ ނަމާދުކޮށްފައި ވާތީ އެރަށު ސްކޫލުން ވެސް ވަނީ އެކަން ފާހަގަކޮށް އަފްރަސްއަށް ހިތްވަރު ދީފައެވެ.

comment ކޮމެންޓް