ހިލޭ ލިބޭ ވީޕީއެން ޚިދުމަތަކުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވެދާނެކަން އެނގޭތަ؟

ގިނަ ސަބަބުތަކާ ހުރެ ވީޕީއެން (ވާޗުއަލް ޕްރައިވެޓް ނެޓްވޯކް)ގެ ޚިދުމަތްތައް ބޭނުން ކުރަން ޖެހެއެވެ. އެކަމަކު އޮންލައިން މާކެޓްގައި އެއްބަޔަކު ބޮޑުއަގުގައި ވިއްކާ ޚިދުމަތެއް އަނެއްބަޔަކު ހިލޭ ދޫކުރަނީ ކީއްވެތޯ ބަލައިލަން ޖެހެއެވެ.

އިންޓަނެޓް ބޭނުންކުރާ ބައެއް މީހުން ދެކޭ ގޮތުގައި ހިލޭ ލިބޭ ވީޕީއެން އަކުން ބޮޑުއަގުގައި ވިއްކާ ވީޕީއެން އެކޭ މާބޮޑު ތަފާތެއް ނުވަތަ އުނިކަމެއް ނެތި އެކަށީގެންވާ ގޮތެއްގައި ރަނގަޅަށް މަސައްކަތް ކޮށްލެވޭނެއެވެ. ނަމަވެސް އެކަން އެގޮތަށް ނުވާކަން ޓެކްނޮލޮޖީގެ ހޭލުންތެރި މިޒަމާނުގައި އެނގެން އެބަޖެހެއެވެ.

ވީޕީއެންގެ ޚިދު ޝަން ބަދަލުކުރުމުގެ ގާބިލުކަން ލިބިގަތުމުގެ އިތުރުން، އައިއެސްޕީއާއި، އިންޓަނެޓް މެދުވެރިކޮށް ކުރާ ބައެއްކަހަލަ ކަންކަން ފޮރުވުމެވެ.

ވީޕީއެން ސާވާއަކާ ގުޅާލުމުން ކަނެކްޝަން ސްޕީޑް ދަށްވާކަން އެންމެނަންވެސް އެނގެއެވެ. އެކަން އެހެން އެދިމާވަނީ ޑޭޓާތައް ދަތުރުކުރަންޖެހޭ މަގު ދިގުވީމައެވެ. އެކަމަކު އެންމެ ފަހުގެ ޓަނެލިން ޓެކްނިކްސް ބޭނުންކޮށްފި ނަމަ ވީޕީއެން އިން އެފިޝިއެންސީ ކަށަވަރުކޮށް، ސްޕީޑް ވަރަށްބޮޑަށް ދަށްކޮށްލާނެއެވެ.

ވީޕީއެންގެ ޚިދުމަތްތަކުގެ ސަބަބުން ވާޗުއަލް ލޮކޭޝަން ބަދަލުކުރެވެއެވެ. އޭގެ އެއް ފައިދާއަކަށްވާނީ ސަރަހައްދީ ގޮތުން ބޭނުންކުރުން ހުއްދަނޫން ބައެއް ސައިޓްތަކަށް ވަދެވި އެފަދަ ކޮންޓެންޓް ބޭނުން ކުރެވޭގޮތް ވުމެވެ. މިސާލަކަށް ގިނަ ވީޕީއެން ކްލައިންޓުން މި ފީޗާ ބޭނުންކުރަނީ ނެޓްފްލިކްސް ފަދަ ސްޓްރީމިން ސައިޓްތަކުން އިތުރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތަކަށް ވަނުމަށެވެ.

ވީޕީއެންގެ ޚިދުމަތަކީ ލެޕްޓޮޕާއި ސްމާޓްފޯން ފަދަ އިންޓަނެޓާ ގުޅިފައިވާ އާންމު ޑިވައިސްތަކާ އެކު މަސައްކަތް ކުރާ ޚިދުމަތެކެވެ. އެކަމަކު ރައުޓާ ކޮންފިގްރޭޝަން ފައިލްތައް ހިމެނިއްޖެ ނަމަ އެހެން ޑިވައިސްތައް ވެސް ރައްކާތެރި ކުރެވޭނެއެވެ.

މާކެޓުގައި ގިނަ ވީޕީއެން ޚިދުމަތްތަކަކީ ގިނަ ސައިބާ ސެކިއުރިޓީ ފީޗާތަކާ އެކު ލިބޭ ޚިދުމަތްތަކެކެވެ. މިސާލަކަށް އިންޓަނެޓް ޓްރެކާތަކާއި އިޝްތިހާރުތަކާއި މެލިޝިއަސް ސޮފްޓްވެއާތަކުން ވެސް އެތަކެތި ރައްކާތެރިކޮށްދެއެވެ.

އިތުބާރުކުރެވޭ ރަނގަޅު ވީޕީއެންގެ ޚިދުމަތަކީ ވަރަށް ބޭނުންތެރި ޚިދުމަތެއް ކަމަށް ޓެކްދާއިރާގެ ތަޖްރިބާކާރުންވެސް ދެކިވަޑައިގަންނަވައެވެ. އެހެންކަމުން އެފަދަ ޚިދުމަތެއް ބޭނުން ނުކުރަންވީ އެއްވެސް ސަބަބެއްވެސް ނެތެވެ. އެކަމަކު އިތުބާރުކުރެވޭ ވީޕީއެން ޚިދުމަތެއް ލިބެނީ ފެންވަރު ރަނގަޅު ޕްރިމިއަމް ވީޕީއެން ފޯރުކޮށްދޭ މަދު ކުންފުނިތަކަކުން އެކަންޏެވެ.

ހިލޭލިބޭ ވީޕީއެންގެ ޚިދުމަތަކީ އެހާ ރައްކާތެރި ޚިދުމަތަކަށް ނުވާނެއެވެ. އެފަދަ ޚިދުމަތަކުން ވަރަށް ގިނަ ކަންކަން ހުންނަނީ ލިމިޓްވެފައެވެ. އެކަމަކު ބޭނުންކުރާ މީހާއަށް އެކަން އޮންނަނީ ވަންހަނާވެފައެވެ. ހިލޭ ލިބޭ މިފަދަ ޚިދުމަތެއްގެ އަނެއް މައްސަލައަކީ ހައި ސްޕީޑް ކަނެކްޝަންތައް ބޭނުން ކުރެވޭނެ ހާޑްވެއާ ނެތުމެވެ.

ހިލޭ ވީޕީއެންއަކަށް ދުނިޔޭގެ ފެންވަރުގައި ސާވާގެ ނެޓްވޯކެއް ނޯންނާނެއެވެ. އެހެންކަމުން އެ ޚިދުމަތް، ގަންނަން ލިބޭ ޚިދުމަތަށް ވުރެ ފެންވަރު ދަށްވާނެއެވެ.

ހިލޭ ލިބޭ ވީޕީއެން ދޫކުރާ ފަރާތްތަކުން އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި އިޝްތިހާރުތައް ކުރެއެވެ. އޭގެ ސަބަބުން ބެކްގްރައުންޑްގައި ގިނަ އަދަދެއްގެ ޕާސަނަލް ޑޭޓާ އެއްކޮށްގެން އެމީހުންގެ ޚިދުމަތް ފޯރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ކޮމާޝަލް ވީޕީއެންއަކަށް ވުރެ ހިލޭ ވީޕީއެން އެއް ބޭނުން ކުރުމުން ކުރިމަތިވެދާނެ ޑިޖިޓަލް ނުރައްކާތައް ގިނައެވެ.

ހިލޭ ވީޕީއެންއެއް ބޭނުންކުރުމަކީ ކުޑަވެސް ޚަރަދެއް ނުކޮށް އޮންލައިން ޕްރައިވެސީ އާއި ސެކިއުރިޓީ ހިމާޔަތް ކުރުމަށް ރަނގަޅު ގޮތެއް ކަމަށް ހީވިޔަސް އެއީ ސީރިއަސް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަކެވެ. ހިލޭ ވީޕީއެން ފޯރުކޮށްދޭ ފަރާތްތަކުން ގިނަ ފަހަރަށް ފައިސާ ހޯދަނީ އިޝްތިހާރުކުރާ ފަރާތްތަކަށް ޑޭޓާ ވިއްކައިގެން ނުވަތަ ބްރައުޒިން ސެޝަންތަކަށް އިޝްތިހާރު އިންޖެކްޓް ކޮށްގެންނެވެ. އަދި އޮންލައިން އެކްޓިވިޓީ ޓްރެކްކޮށް، ޑޭޓާ ލޮގްކޮށް، ޑިވައިސްގައި މެލްވެއާ އިންސްޓޯލް ވެސް ކޮށްފާނެއެވެ.

އެހެންކަމުން ހިލޭ ވީޕީއެންއެއް ބޭނުންކުރުމުން ލިބޭ ފައިދާއަށްވުރެ ނުރައްކާ ބޮޑުވާނެ ކަމަށް ކަމުގެ މާހިރުން ލަފާދެއްވާއިރު، އޮންލައިން ޕްރައިވެސީ އާއި ސެކިއުރިޓީ ހިމާޔަތްކުރުމަށް ޓަކައި ވީޕީއެންގެ އެއްވެސް ޚިދުމަތެއް ބޭނުން ކުރުމުގެ ކުރިން އެ ޚިދުމަތެއް ރަނގަޅަށް ދިރާސާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު