ރާޅެއް އަރައިގެން ދިޔަވާތީ ރިޕޯޓު ކުރި ލޯންޗު ހޯދަނީ، މިހާރު ނުގުޅޭ

ކޯސްޓް ގާޑުގެ އުޅަނދެއް

މާލެ އިން ދ. މީދޫއަށް ދަތުރު ކުރަމުން ދަނިކޮށް ރާޅެއް އަރައިގެން ރިޕޯޓު ކުރި ސްޕީޑް ބޯޓެއް ހޯދުމުގެ މަސައްކަތް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އިން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗު ދަތުރު ކުރަމުން ދިޔައީ ފ. ފީއަލި ކައިރިންނެވެ. ލޯންޗަށް ރާޅެއް އެރީ ފ. ފީއައްޔާ ހަތް ނޯޓިކަލް މޭލު ބޭރުންނެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ޖުމްލަ 30 ޕެސެންޖަރުން ދަތުރުކުރަމުން ދިޔައެވެ.

ދިޔަވަމުންދާ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިތެޔޮ ރިސޯޓުން ދޯންޏަކާއި، ފީއަލިން ދޯންޏަކާއި ބޯޓެއް މިހާރު ވަނީ ފުރާފައެވެ. އަދި، ކޯސްޓް ގާޑު ހާބަރު ކްރާފްޓް ވެސް ދަނީ ދަތުރު ކުރަމުންނެވެ.

އެ ލޯންޗުގެ ފަޅުވެރިޔާ އެންމެ ފަހުން ބުނި ޖުމްލަ އަކީ "ލޯންޗަށް ރާޅު އަރަނީ" ކަމަށް އެނގިފައިވެއެވެ. ނަމަވެސް މިހާރު ލޯންޗުގައި ތިބި އެއްވެސް މީހަކާ މުއާމަލާތް ނުކުރެވޭ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

comment ކޮމެންޓް