ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކާޅާއި ވާލުގެ އުނދަގޫ ޖެހި ތުރާލަކަށް!

ރ. އަތޮޅުގެ ގެއެއްގެ ގޯތިތެރޭގައި ހައްދައިފައިހުރި ޖަނބުރޯލް ގަހެއް ބަރައިވެފައި އޮތީ ޖަނބުރޯލް މަލުންނެވެ. އެކަމަކު، އެ މާތައް ގަހުން ދައްކައިލުމާއެކު އެ ގޭގެ މީހުން އަވަސްވެގަތީ އެ ގަހުގައި ދާ ދެމުމަށެވެ.

ސަބަބަކީ، އެ ގޮތަށް އެ ކަން ނުކޮށްފިނަމަ އެއްވެސް ޖަނބުރޯލެއް ކާލަން ނުލިބޭނެތީއެވެ. އެ ޖަނބުރޯލްތައް ކާޅާއި ވާލާއި ކޮވެލީގެ ޝިކާރައަކަށް ވާނެތީއެވެ.

ރ. ފައިނުގެ ދަނޑުވެރިއަކު ބުނީ އޭނާ ދަނޑުވެރިކަން ފަށައިގެން މި ވީހާ ދުވަހެއްގައި ވެސް އެންމެ ބޮޑު އުނދަގުލަކީ ކާޅާއި ވާލާއި ކޮވެލީގެ އުނދަގޫ ކަމަށެވެ. އަދި އެ އެއްޗެހީގެ ކިބައިން ސަލާމަތްވާން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ހަމައެކަނި ކުރާ މަސައްކަތަކުން މި އެއްޗެހީގެ ކިބައިން ސަލާމަތްވެ ރަނގަޅު އާމްދަނީއެއް ހޯދޭނެ ގޮތެއް ނުވާނެ ސަރުކާރު ލެވެލްގައި ރަނގަޅު އެހީތެރިކަމެއް ފޯރުނުކޮށްދީ،" އޭނާ ބުންޏެވެ.

ފައިނުގެ ދަނޑުވެރިއަކު "ސަން"އާ ވާހަކަ ދައްކަނީ --

ދަނޑުވެރިކަމުގެ މަސައްކަތުން އާމްދަނީ ހޯދާ މި ޒުވާނާ އިތުރަށް ބުނީ ފަޅޯ ހެއްދުމަށް ޓަކައި ވަރަށް ގިނަ މަސައްކަތް ކުރާ ކަމަށެވެ. އެ ގޮތުން ކޮންމެ ދުވަހަކު ފެނާއި ކާނާ އަޅައި މަސައްކަތްކުރުމުން ފަޅޯ މާ އަންނަން ފަށަނީ ހަ މަސް ފަހުން ކަމަށް ބުންޏެވެ.

"ފަޅޯ އަޅަން ފަށާ ހިސާބުން އަންނަ ހުރިހާ މަލެއް ކޮވެލި އެއްޗެހި މި ކަނީ،" އޭނާ ބުންޏެވެ.

ފައިނަކީ ވާ ބޮޑު ރަށެއްކަމުން އެ ރަށުގައި މި ދޫނިސޫފާސޫފީގެ އާބާދީ ވަރަށް ބޮޑެވެ.

ރ. މީދޫ ރައްޔިތަކު ބުނީ ރަށުގައި ކާޅާއި ވާލާއި ކޮވެލީގެ އުނދަގުލާ ހެދި ބޭނުންކުރަން ލިބެނީ ހައްދާ މޭވާގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

"އެ ވެސް މި ލިބެނީ އަޅުގަނޑުމެން ގަސްދޮށުގައި ހޭލާ ތިބެގެން ވަރަށް މަސައްކަތް ކޮށްގެން،" އޭނާ ބުންޏެވެ.

ވާލާއި ކާޅުގެ މައްސަލަ ބޮޑުވެފައިވާތީ ރ. އަތޮޅު ވަނީ ކަންބޮޑުވެފައި --- ސަން ފޮޓޯ

އެ ރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ބަައެއް ފަހަރަށް އަނބުފަދަ ތަކެތި ދޮންވުމުގެ ކުރިން ވެސް ބިންނަން ޖެހޭ ކަމަށެވެ.

ފައިނު ދަނޑުވެރިޔާ ބުނީ މިފަދަ ދޫނިސޫފާސޫތްޕަކީ ހިމާޔަތްކުރެވިފައިވާ އެއްޗެހި ނަމަވެސް، މި އެއްޗެހީގެ އާބާދީ މަދުކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ކާޅާއި ވާލުގެ އިތުރުން ކޮވެލީގެ އުނދަގޫ ވެސް ރ. އަތޮޅުގެ ރައްޔިތުންނަށް ދިމައިވެފައިވާއިރު މި ކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުގައި އަބަދުމެ ދަނީ އެދެމުންނެެވެ.

ކަޅުކޫޑީގެ މައްސަލަ ބޮޑު!

ކަޅުކޫޑީގެ މައްސަލަ ވެސް ރ. އަތޮޅުގެ ރަށްތަކަށް ވެސްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

ދިރޭ ސުއިއްޕެއްގެ ސަބަބުން ދިމާވާ ކަޅު ކޫޑި، ހަލުވިކަމާއެކު ފެތުރެމުންދާތީ އެގްރިކަލްޗާ މިނިސްޓްރީން ވަނީ އެކަން މުޅި ރާއްޖޭގެ ސަމާލުކަމަށް ގެނެސްފައެވެ. "ސޫޓީމޯލްޑް" ނަމަކަށް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުންދާ މި ބައްޔަކީ ހަމައެކަނި ރުއްތަކާއި ދަނޑުވެރިކަމުގައި ހައްދާ ގަސްތަކަށް ޖެހޭ ބައްޔެއް ނޫނެވެ. ބަގީޗާ ގަސްތަކަށް ވެސް މި ބަލި ޖެހެއެވެ.

އެހެންކަމުން ރުއްގަސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގެންދިޔުމުގައި މިކަމަށް ސަމާލުވެ، ބަލި ނެތް ރުއްގަސް އެގޮތަށް ގެންދިޔުމަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރ. ހުޅުދުއްފާރު ކައުންސިލް ރައީސް މުހައްމަދު އާތިފް ވިދާޅުވީ ކަޅުކޫޑި އެ ރަށުގެ ވެސް ގިނަ ރުއްތަކަކަށް ޖެހިފައިވާ ކަމަށެވެ. އެއާއެކު ރުކުގެ ފަންތައް ކަޅުވެ ފެންދަމައިލާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް އެއް ސަރަހައްދެއްގެ ވެސް 400އެއްހާ ރުކަށް މި ކަން ދިމާވެފައިވާކަމަށް ބެލެވެނީ. ކަޅުކުލައިގެ ކުދިކުދި ފަނިތަކެއް ހުންނަކަމަށް ވަނީ،" އާތިފް ވިދާޅުވިއެވެ.

ރ. މީދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ކޫޑިއެއް އަޅައިފައި ފަންތައް ކަޅުވަނީ ކަމަށެވެ. އަދި ރުއްތަކުގައި ހަކުރު ފާޑެއްގެ އެއްޗެއް ހުންނަކަމަށް ވެސް ބުންޏެވެ.

ރ. އަތޮޅުގެ ރަށްތަކުގެ ރުއްތަކަށް ވަނީ ކަޅުކޫޑީގެ އުނދަގޫ ވެސް ކުރިމަތިވެފައި --

"އޭގެ ސަބަބުން ބައެއް ރުއްރުއް އެއްކޮށް މަރުވެގެން އެބަ ދޭ. ރުއްރުކުގައި އަޅާ ކާށި ކުރުނބާ ވެސް އެއްކޮށް ފައިބާ އެބަ،" އޭނާ ބުންޏެވެ.

ދޫނިސޫފާސޫފީގެ ސަބަބުން އެ ބަލި ފެތުރުން ވަރަށް އަވަސްކަމަށް ވެސް ކިޔައިދިނެވެ. އެ ގޮތުން ކާޅާއި ވާލުގެ ޒަރީއާއިން އެ ބަލި މީހުން ދިރިއުޅޭ ގޭގޭގެ ގަސްގަހަށް ވެސް ފެތުރިފައިވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލަތައް ވަނީ ރ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑުވެފައެވެ. ކާޅާއި ވާލާއި ކޮވެލީގެ ސަބަބުން ވަނީ ތުރާލަކަށް ވެފައެވެ. އެކަމަކު، އެ މީހުން ތިބީ ހަދާނެ ގޮތެއް ނޭނގިފައި ގޮތް ހުސްވެފައެވެ.

comment ކޮމެންޓް