ރިޓަޔާމަންޓް ޕެންޝަންގެ ގޮތުގައި މުނާޒަށް މިލިއަނަކަށްވުރެ ގިނަ ފައިސާ ދީފި

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން ވަކިކުރެއްވި އަބްދުﷲ މުނާޒް: ޕެންޝަންގެ ގޮތުގައި އޭނާއަށް ވަނީ މިލިއަނަކަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ދީފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރިޒަންސްގެ ކޮމިޝަނަރުގެ މަގާމުން ވަކިކުރެއްވި އަބްދުﷲ މުނާޒަށް ރިޓަޔާމަންޓް ޕެންޝަންގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ފައިސާ ދިނުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް އޭނާ ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

ކޮމިޝަނަރުގެ މަގާމުން މުނާޒް ވަކި ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

މަގާމުން ވަކިކޮށް ރިޓަޔާމަންޓް ފައިސާ ނުދިނުމުން މުނާޒް ވަނީ ކަރެކްޝަންސްއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އެގޮތުން ރިޓަޔާމަންޓް ޕޭ ގެ ގޮތުގައި ގަނޑުކޮށް އެއްފަހަރާ 1,050,000 ރުފިޔާ އާއި ވަޒީފާއިން ވަކިކުރުމަށްފަހު މީލާދީ ކޮންމެ މަހަކު ލިބިދޭންޖެހޭ ފައިސާގެ އިނާޔަތްކަމަށްވާ މުސާރައިގެ 75 ޕަސެންޓަށްވާ ފައިސާ ނަގައިދިނުމަށް އެދިފައިވެއެވެ. އެއީ މަހަކަށް 26,250 ރުފިޔާއެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ މުނާޒަށް ރިޓަޔާމަންޓް ފައިސާ ދީފައި ނުވަނީ އޭނާ އެމްއެންޑީއެފްއިން ރިޓަޔާކުރުމުން, އެމްއެންޑީއެފް އިން އޭނާއަށް ރިޓަޔާމަންޓް ފައިސާ ދީފައިވާތީ ކަމަށެވެ.

ސިވިލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ މުނާޒަށް ރިޓަޔާމަންޓް ފައިސާ ހައްގުވާ ކަމަށެވެ. ނަމަވެސް ދެ ތަނަކުން ރިޓަޔާމަންޓް ފައިސާ ނެގުމަކީ ހައްގު ގޮތަކަށް ނުވާތީ އޭނާއަށް އެންމެ ފައިދާ ބޮޑުތަނެއް ހިޔާރު ކުރަންޖެހޭ ކަމަށް އެ ހުކުމްގައިވެއެވެ. އަދި އެމްއެންޑީއެފްގެ ރިޓަޔާމަންޓް ދޫކޮށްލައި ކަރެކްޝަންގެ ރިޓަޔާމެންޓް ހިޔާރު ކޮށްފިނަމަ އެކަން ފަހި ކޮށްދިނުމަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކަރެކްޝަންސް އިން މުނާޒަށް ޕެންޝަން ފައިސާ ދީފައި ނުވާތީ އޭނާ ވަނީ ސިވިލް ކޯޓުން މީގެ ކުރިން ކުރި ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެދިނުމަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހުކުމާ އެއްގޮތަށް ކަރެކްޝަންސް އިން އަމަލުކޮށް މުނާޒަށް ދޭން ޖެހޭ ފައިސާ ދީފައިވާ ކަމަށެވެ. އެހެން ކަމުން އެ ދައުވާ އަނބުރާ ގެންދިއުމަށް މުނާޒް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް