ކުރިއަށްއޮތް ޓްރާންސްފާ މުއްދަތުގައި ނަޕޯލީގެ ނައިޖީރިއާ ފޯވަޑް ވިކްޓާ އޮސިމްހެން ނުވިއްކާނެ ކަމަށް އެކްލަބުގެ ރައީސް އޯރެލިއޯ ޑި ލޮރެންޓީސް ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އުދިނޭސީ އަތުން ހޯދި ޕޮއިންޓާއެކު 33 އަހަރަށްފަހު ނަޕޯލީން އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން ކަށަވަރުކުރި އިރު, މިސީޒަނުގައި އެޓީމުން އެންމެ ވިދާލި ކުޅުންތެރިޔަކީ އޮސިމްހެންއެވެ. އުމުރުން 24 އަހަރުގެ އޮސިމްހެން ވަނީ ލީގުގައި ނަޕޯލީއަށް 22 ގޯލު ކާމިޔާބުކޮށްދީފައެވެ.
ނަޕޯލީގައި އޮސިމްހެން ދައްކަމުންދާ ކުޅުމާ ގުޅިގެން އޭނާ ހޯދުމަށް ކްލަބުތަކަކުން ދަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑާއި ޖަރުމަންގެ ބަޔާން މިއުނިކް ހިމެނެއެވެ.
ނަޕޯލީން 150 މިލިއަން ޔޫރޯއަށް އޮސިމްހެން ވިއްކާލާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް, އޭނާއަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް އެ ކްލަބުގެ ރައީސް ޑި ލޮރެންޓީސް ވަނީ ވިދާޅުވެފައެވެ.
"އަންނަ ޓްރާންސްފާގައި އަހަރެން އޮސިމްހެން ނުވިއްކާނަން. އެއީ ވާނެ ކަމެއް ނޫން," އޮސިމްހެން ވިއްކުމާ ގުޅޭގޮތުން 'ރައި ސްޕޯޓްސް' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑި ލޮރެންޓީސް ވިދާޅުވިއެވެ.
ނަޕޯލީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ޑި ލޮރެންޓީސް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ލޮރެންޓީސް ވިދާޅުވީ ސްޕަލެއްޓީއަކީ ކްލަބުގެ ލެޖެންޑެއް އަދި ވަރުގަދަ ލީޑަރެއް ކަމަށެވެ. އަދި ކޮންޓްރެކްޓް އާކުރުމުގެ ހުރިހާ ބާރެއް މިހާރު އޮތީ ސްޕަލެއްޓީގެ އަތުގައި ކަމަށް ވެސް ލޮރެންޓީސް ވިދާޅުވިއެވެ.
ނަޕޯލީން ވަނީ މީގެ ކުރިން ދެ ފަހަރަކު ސެރީއާ ކާމިޔާބުކޮށްފައެވެ. އެއީ 1986-87 ގެ ސީޒަނާއި 1989-90 ގެ ސީޒަނުގައެވެ. އެ ދެ ސީޒަނުގައި ވެސް ނަޕޯލީން ލީގު ޗެމްޕިއަންކަން ހޯދީ އާޖެންޓީނާ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ކެޕްޓަންކަމުގެ ދަށުންނެވެ.