ބޭސްފަރުވާއަށް ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ދަށްވެއްޖެ: ޑރ. ނާޒްނީން

ޑރ. ނާޒްނީން އަންވަރު / ފޮޓޯ: ހެލްތު މިނިސްޓްރީ

ފާއިތުވި އަހަރުތަކުގައި ބޭސްފަރުވާ ހޯދަން ދިވެހީން، ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު ވިދާޅުވެއްޖެއެވެ.

ފ. ނިލަންދޫގައި ޕްރައިމަރީ ހެލްތު ކެއާ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ނާޒްނީން ވަނީ ސިއްހީ ގޮތުން ރާއްޖެ ތަރައްގީވަމުން އައިސްފައިވާ ގޮތާއި ހޯދި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.

އެގޮތުން، ރާއްޖެއިން ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު ރާއްޖޭގެ ސިއްޚީ ނިޒާމް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެފަދަ ކުރިއެރުމެއްގެ ގޮތުން މެލޭރިއާ، ހިމަބިހި، ރުބެއްލާ އަދި މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާރުތަވުން އެއްކޮށް ނައްތާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ 96 އިންސައްތަ މީހުންނަށް ސާފު ބޯ ފެނާ ނަރުދަމާގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދީފައިވާއިރު، މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގައިން ގަޔަށް އަރާ ބަލިތައް ފެތުރޭ މިންވަރު ބޮޑުތަނުން މަދު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ. ނާޒްނީން ވިދާޅުވީ ޔުނިވާސަލް ހެލްތު ކަވަރޭޖް ސާވިސް އިންޑެކްސް 18 އަހަރު ތެރޭގައި ރާއްޖެއިން 23 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި، 2010ވަނަ އަހަރާއި 2019ވަނަ އަހަރާ ދެމެދު ބޭރު ގައުމުތަކުން ބޭސް ފަރުވާ ހޯދުމަށް ކުރާ ޚަރަދު 40 އިންސައްތައިން 16.5 އިންސައްތައަށް ދަށް ކުރެވިފައިވާ ކަމަށެވެ. މިއީ މި ސަރަހައްދުގައި ދެވަނައަށް އެންމެ މަދުން ބޭރު ގައުމުތަކުން ބޭސް ފަރުވާ ހޯދުމަށް ޚަރަދު ކުރާ ގައުމެވެ.

ފ. ނިލަންދޫ ގައި ޕްރައިމަރީ ހެލްތު ކެއާ އިފްތިތާހް ކުރުން / ފޮޓޯ: ހެލްތު މިނިސްޓްރީ

1960ވަނަ އަހަރުގައި ދިވެއްސެއްގެ އުމުރުގެ ދިގު މިނަކީ 39 އަހަރު. 2020ވަނަ އަހަރު ދެނެގަނެވުނު ގޮތުގައި މިހާރު ދިވެއްސެއްގެ އުމުރުގެ ދިގުމިނަކީ އެވަރެޖްކޮށް 80 އަހަރު. މިއީ މި ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާއިރު އެންމެ ބޮޑު ކުރިއެރުން ލިބުނު އެއް ގައުމު. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު

ޑރ. ނާޒްނީންގެ ވާހަކައިގައި އޭނާ ވަނީ މިއަދު ރާއްޖެއިން ފެންނަމުންދާ ބައެއް ކަންބޮޑުވާން ޖެހޭ ކަންތައްތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.

މީގެކުރިން ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތަކެއް ދިވެހީން ތަހައްމަލް ކުރަން ޖެހިފައިވީ ނަމަވެސް، މިއަދު އެޔަށް ވުރެ މާ ނުރައްކާ ބަލިތަކެއް ދިވެހީންގެ ތެރޭގައި އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ޒުވާން ޖީލު ހަލާކު ކުރަމުން އަންނަ މަސްތުގެ ވަބާއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ނިސްބަތް އިތުރުވުމާއި އަދި، ދޮށީ އުމުރުގެ މީހުންނަށް ޖެހޭ ބައެއް ބަލިތަކަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.

ފ. ނިލަންދޫ ގައި ޕްރައިމަރީ ހެލްތު ކެއާ އިފްތިތާހް ކުރުން / ފޮޓޯ: ހެލްތު މިނިސްޓްރީ

މިއީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއަށް 75 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ޑރ. ނާޒްނީން ވިދާޅުވީ މި އަހަރުގެ ޝިއާރު ކަމުގައި ކަނޑައަޅާފައިވާ "ހެލްތު ފޯ އޯލް" – ދުޅަހެޔޮކަން އެންމެންނަށް ، މި ޝިއާރާ މިއަދު ކުރެވެމުންދާ މަސައްކަތާ ވަރަށް އެއްގޮތް ކަމަށެވެ.

މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެންމެންނަށް ވެސް ހަމަހަމަކަމާ އެކު ދުޅަހެޔޮ ސިއްހަތެއް ލިބުމަށް މަގުފަހިވެގެން ދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، މިއީ އެންމެންނަށް ހަމަހަމަކަމާ އެކު ބޭސްފަރުވާ ހޯދޭނެ އިންތިޒާމެއް ގާއިމްކޮށް، ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ދެއްވާ އަހައްމިޔަތުގެ ނަތީޖާކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ނާޒްނީން ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއާ އިފްތިތާހް ކުރުމާ އެކު، ރާއްޖޭގެ ސިއްހީ ނިޒާމް ބައްޓަންވެފައިވާ ގޮތް މުޅިން ބަދަލުވެ، އިތުރަށް ފުޅާ ވެގެން ދާނެ ކަމަށެވެ. އަދި، މިކަމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ވެސް އެ ކަމުގެ ފައިދާ ކުރާނެ ކަމަށާއި، މުސްތަގުބަލުގައި ބަލިތަކާ ކުރިމަތިލާން ފަސޭހަ ވެގެން ދާނެ ކަމަށެވެ.

comment ކޮމެންޓް