ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު، ޔޫސުފް ސިރާޖަށް މުސާރައާއި އިނާޔަތްތައް ލިބޭހެން ދެ ހަފުތާއަށް ސަސްޕެންޑުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫން ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ)އިން ބުނެފިއެވެ.
އިއްޔެ ސިރާޖު މަގާމުން ސަސްޕެންޑު ކުރުމާ އެކު، އޭނާ ސަސްޕެނޑު ކުރީ، ވެމްކޯއިން ބަލަމުންދާ ޖިންސީ ފުރައްސާރައެއްގެ ތަހުގީގަށް ނުފޫޒު ފޯރުވި މައްސަލައެއްގައި ކަމަށް ވަނީ އަޑު ފެތުރިފައެވެ.
މިކަމާ ގުޅިގެން ވެމްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ސިރާޖާ ގުޅޭ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެއް ޕީސީބީން ނުބަލާ ކަމަށެވެ. އަދި، އެފަދަ ތުހުމަތެއް ވެސް އޭނާގެ މައްޗަށް ނުކުރާ ކަމަށެވެ.
ޕީސީބީގެ ރައީސް އާސިމް މުހައްމަދު މިއަދު "ސަން"އަށް ވަނީ ސިރާޖުގެ މައްޗަށް ޖިންސީ ފުރައްސަރައިގެ ތުހުމަތެއް ނުކުރާކަމުގެ ޔަގީންކަން އަރުވައިފައެވެ.
އެކަމަކު، އޭނާ ވިދާޅުވީ، އެ މައްސަލައިގެ އިތުރު ތަފުސީލެއް މި ވަގުތު ދެވެން ނެތް ކަމަށެވެ.
ޕީސީބީން ބުނީ، ވެމްކޯ ބޯޑު މެދުވެރިކޮށް ޕީސީބީން ބަލަމުން ދަނީ، ގަވާނަންސްއާ ގުޅޭ މެނޭޖްމަންޓުގެ މައްސަލައެއް ކަމަށެވެ. އަދި، އޭނާ ސަސްޕެންޑު ކުރީ އެއީ މައްސަލަ ބެލުމަށް އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ ކަމަށެވެ.