ތިން ދުވަސް ފަހުން ދިއްދޫ ފަރަށް އެރި ޓަގުބޯޓު ފުންކޮށްފި

ދިއްދޫ ފަރުމައްޗަށް ބާޖެއް އަރައިފައި--- ސަން ފޮޓޯ/ ކިޔުންތެރިއެއް

ހއ. ދިއްދޫ ފަރުމައްޗަށް ބާޖަކާއެކު އެރި ޓަގުބޯޓު، ތިން ދުވަސް ފަހުން ފުންކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހެނދުނު 06:00 ހާއިރު ދިއްދޫ ފަރަށްއެރީ ބަނދަރުގެ މަސައްކަތްކުރުމަށް ހިލަ ހިފައިގެން ދިޔަ ބޯޓެކެވެ. އެއީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އެމްއެސް އެކްސްޕޯޓްސްގެ އުޅަނދެކެވެ.

އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މިއަދު ވިދާޅުވީ ބޯޓު ފުން ކޮށްފައިވަނީ ރޭ 10:00 ޖަހާއެހާކަންއިރު ކަމަށެވެ. އަދި ބޯޓު ފުން ކޮށްފައިވަނީ އެމްއެސް އެކްސްޕޯޓްސް ކުންފުނީގެ އެހެން ބާޖެއް ގެނެސްގެންނެވެ. ޓަގު ބޯޓާއެކު ފަރަށް އެރި ބާޖު ވެސް ވަނީ ފުންކޮށްފައެވެ.

https://sun.mv/176935

ޓަގު ބޯޓު ފުން ކުރަން އައީ ވެސް ހަމަ އެ ސަރަހައްދުގައި ހިލަ ހިފައިގެން ދަތުރު ކުރަމުންދިއަ ބޯޓެއް ކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ފަރަށް ލިބުނު ގެއްލުން ބަލައިދިނުމަށް އެދި، އެންވައިރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، (އީޕީއޭ)އަށް ސިޓީ ފޮނުވާފައިވާ ކަމަށެެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ފަރަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ރިޕޯޓެއް ހެދުމަށްފަހު އެމްއެސް އެކްސްޕޯޓުން ކައުންސިލަށް ބަދަލެއް ދޭންޖެހޭނަމަ އެކަމަށް ވެސް އެދޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އީޕީއޭއިން ބުނީ، ޓަގުބޯޓު ފުންކުރުމުގެ މަސައްކަތް ނިމުމުން ފަރަށް ލިބިފައިވާ ގެއްލުންތައް ތަހުލީލުކުރާނެ ކަމަށެވެ. އަދި އެއަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ޖޫރިމަނާ ކުރާނެ ކަމަށެވެ.

އެ ރަށު މީހަކު 'ސަން'އަށް ބުނީ ބާޖު އަަރައިފައިވަނީ ދިއްދޫ ފަރުގެ ވަރަށް ރީތި، މަސްވެރިކަން ވެސް ވަރަށް ރަނގަޅު ހިސާބަކަށް ކަމަށެވެ. މި ކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް