ދިއްދޫ ފަރަށް އެރި ޓަގުބޯޓު އަދިވެސް ފުން ނުކުރެވޭ

ދިއްދޫ ފަރުމައްޗަށް ބާޖެއް އަރައިފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ހއ. ދިއްދޫ ފަރުމައްޗަށް ބާޖަކާއެކު އެރި ޓަގުބޯޓު އަދިވެސް ފުން ނުކުރެވޭ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހެނދުނު 06:00 ހާއިރު ދިއްދޫ ފަރަށްއެރީ ބަނދަރުގެ މަސައްކަތްކުރުމަށް ހިލަ ހިފައިގެން ދިޔަ ބާޖެކެވެ. އެއީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އެމްއެސް އެކްސްޕޯޓްސްގެ ބާޖެކެވެ.

މިކަމާ ގުޅިގެން އީޕީއޭއިން ބުނީ، ޓަގުބޯޓު ފުންކުރުމުގެ މަސައްކަތް ކުރަނީ ބޯޓުގައި ތިބި މީހުން ކަމަށާއި އެ މަސައްކަތް ނިމުމުން ފަރަށް ލިބިފައިވާ ގެއްލުންތައް ތަހުލީލުކުރާނެ ކަމަށެވެ. އަދި އެއަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ޖޫރިމަނާ ކުރާނެ ކަމަށެވެ.

ޓަގު ބޯޓު ދިއްދޫ ފަރަށް އެރުމުން ބޯޓު ފުންކުރަން ކުރާ މަސައްކަތާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ދިއްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، ބާޖު މިހާރު ފުން ކުރެވިފައި ވީ ނަމަވެސް ޓަގު އަދި ވެސް ފުން ކުރެވިފައި ނުވާކަމަށެވެ.

"ރޭގަ ވެސް އެމީހުން (ޓަގުގައި މަސައްކަތްކުރާ މީހުން) އުޅުން ޓަގު ފުން ކުރަން. އެކަމު އަދި ވެސް ފުނެއް ނުވޭ. އެމީހުން ރަށުގެ އެހީތެރިކަމަށް ވެސް ނޭދޭ،" އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ވަހީދު ވިދާޅުވީ، ޓަގު ފުންކުރުމުގައި ރަށުގެ އެހީތެރިކަމަށް އެދެފި ނަމަ، ފުރިހަމަ އެހީތެރިކަން ދޭނެކަމަށެވެ. އަދި އިތުރު ދޯންޏެއްގެ އެހީތެރިކަމާ ނުލާ ޓަގު ފުންކުރުމަކީ ނާދިރުކަމެއްކަމަށް އޭނަ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އެ ރަށު މީހަކު "ސަން"އަށް ބުނީ ބާޖު އަަރައިފައިވަނީ ދިއްދޫ ފަރުގެ ވަރަށް ރީތި، މަސްވެރިކަން ވެސް ވަރަށް ރަނގަޅު ހިސާބަކަށް ކަމަށެވެ. މި ކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް