އެމްއޭސީއެލްއިން ކެއާ ސޮސައިޓީގެ ދަރިވަރުންނަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފި

އެމްއޭސީއެލްއިން ކެއާ ސޮސައިޓީގެ ދަރިވަރުންނަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމް ފެށުން --

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ކެއާ ސޮސައިޓިގެ ދަރިވަރުންނަށް އަމާޒުކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިޖްތިމާއީ ޒިންމާގެ ދަށުން ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށާއިފިއެވެ.

ކެއާ ސޮސައިޓީ އާއި ގުޅިގެން އެމްއޭސީއެލް އިން ފެށި އިންޓާންޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާޙިމް ތޯހާ އަދި ކެއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އާތިފްއެވެ.

އެމްއޭސީއެލްއިން ކެއާ ސޮސައިޓީގެ ދަރިވަރުންނަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމް ފެށުން --

މިއަދު އިފްތިތާހް ކުރެވުނު އިންޓަންޝިޕް ޕްރޮގްރާމުގެ ދަށުން ކެއާ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ދެވިފައެވެ.

އެމްއޭސީއެލް އިން ބުނީ މިފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކުދިންނަކީވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އިންޓާންޝިޕްގެ އިތުރުން މިއަދު ވެވުނު އެއްބަސްވުމުގައި ކެއަރ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރަކަށާއި އަދި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެ ކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސާކޮށް ދިނުމަށް އެމްއޭސީއެލްއިން ވަނީ އެއްބަސްވެފައެވެ. އަދި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ކެއާ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް މި ފަހުމުނާމާގައި ވަނީ އެއްބަސްވެފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ތޯހާ ވިދާޅުވީ މި ވެވުނު އެއްބަސްވުމަކީ، އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގައި ތިބި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް ރާވާފައިވާނީ ދެމެހެއްޓެނިވި ތަރައްގީއާއި، މުޖުތަމައުގައި އަޅުގަނޑުމެންގެ އެހީތެރިކަމަށް ބޭނުންވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ތައުލީމާއި، ތިމާވެށީގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ފޮރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓާ އަހުމަދު އާތިފް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ރާއްޖޭގެ އެކި ފަރާތްތައް ގުޅިގެން ހާއްސަކޮށް ބޮޑެތި ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިންކަމަށެވެ. އަދި އެމްއޭސީއެލްއާއި އެކު މިއަދު ފެށުނު މަސައްކަތަކީ މިކަމުގެ ފެށުމެއްކަމަށާއި ކުރިއަށް އޮތްތާގައި އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތައް މިކަމުގައި އެއްބާރުލުންދޭނެ ކަމަށް ގަބޫލުކުރައްވާ އެމްއޭސީއެލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފައިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.

comment ކޮމެންޓް