ހެޔޮނުވާނެ މިގޮތަށް ތަރުބިޔަތު ނުކުރޭ!

މުދައްރިސް ކިޔަވައިދެއްވާއިރު، ދަރިވަރަކު ސިއްރުން ފޯނާ ކުޅެނީ --- ފޮޓޯ/ސްޓޯރީބްލޮކްސް.ކޮމް

'އަޅުގަނޑުގެ ދަރިފުޅަށް ހޯދައިނުދޭ އެއްޗެއް ކޮށްނުދޭ ކަމެއް ނޯންނާނެއެވެ. ފޯނާއި ޓެބްލެޓާއި ލެޕްޓޮޕާއި ކޮމްޕިއުޓަރާއި ޕްލޭ ސްޓޭޝަނާ ހުރިހައި އެއްޗެއް ހުންނާނީ ގަނެދީފައެވެ. ވަކި ކޮޓަރިއެއްދީ އެކަނި އުޅެވޭނެގޮތް ހުންނާނީ ހަދައިދީފައެވެ. ގޭގައި އިންޓަނެޓު ހުންނާނެއެވެ. ފޯނަށް ޑޭޓާ އަޅާށާއި އެހެނިހެން ކަންކަމަށް، ބުނާއިރަށް ފައިސާ ދެމެވެ. ދެން މިވަރަށް ކަންކަން ކޮށްދޭއިރު އޭނާ ނުކިޔަވަންވީ ސަބަބެއް ނޭނގެއެވެ. ސުކޫލުގައި ގޯސްކޮށް އުޅެންޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނެއެވެ.' މިއީ ދަރިވަރުންގެ އަޚުލާޤީ މައްސަލަތައް ކުރިމަތިވުމުންނާއި ކިޔެވުމަށް ފަރުވާ ކުޑަވުމުން، ބެލެނިވެރިންނާ ބައްދަލުކުރުމުން ބައެއް ބެލެނިވެރިންގެ ފަރާތުން އިވޭ ވާހަކަތަކުން މިންވަރެކެވެ.

އިސްވެ ބުނިފަދައިން ކަންތައް ކޮށްދީ، ދަރިފުޅު 'މަދަރުސާއާ ހަވާލުކުރުމުން' އެ ކުއްޖާގެ ހުރިހައިކަމެއް ބަރާބަރަށް ދާނެކަމަށް ޤަބޫލުކުރާ ބެލެނިވެރިން މަދެއްނޫނެވެ. އަވާމެންދުރެއްފަދަ މި އުއްމީދުގައި، އިމެއްނެތި ދޫކޮށްލާފައިވާ ދަރީން ގޯސްމަގުން ހިނގައްޖެކަން އެނގެނީ ވާނެ އެއްޗެއްވެ ނިމޭފަހުންނެވެ. އިޞްލާޙުކުރުމުގެ ގޮތުން ނަސޭހަތެއް ދިނުންފިޔަވައި އިތުރު ފިޔަވަޅެއް ނޭޅޭ މިންވަރަށް 'ދަރިވަރުންގެ ޙައްޤުތައް' ކަށަވަރުވެފައިވާތީ، ކުދީން ބޭނުން ކޮންމެ އެއްޗެއް މަދަރުސާއަށް ގެންދާކަން އެއީ ދޮގުނުކުރެވޭނެ ޙަޤީޤަތެކެވެ. ކުލާހަށް ފޯނު ގެންގޮސްގެން، އެކި އަރިއަރިމަތިން އަންހެން މުދައްރިސުންގެ ފޮޓޯނެގުމާއި އެނޫންވެސް ވިޔާނުދާ ކަންކަން ކުރުމީ މިހާރު އާއްމު ކަމެކެވެ. ސިނގިރޭޓާއި ވޭޕުފަދަ އެއްޗެތި ގެންގޮސް އޭގެ ވިޔަފާރި ކުރުމާއި ހިލޭ ސާބަހަށް އެހެން ކުދީންނަށް ދީ ހަދާކަމީވެސް ސިއްރެއްނޫނެވެ. މިފަދަ ޢަމަލުތައް ހުއްޓުވުމުގައި މައިންބަފައިންނާއި ބެލެނިވެރީންގެ ޒިންމާ ބޮޑުކަން ޤަބޫލުކުރަންޖެހޭނެއެވެ. ގޭތެރެއިން ދޭ ތަރުބިޔަތާއި ދަސްކޮށްދޭ އަދަބު އަޚުލާޤާއި ދަރީންނާމެދު ބާއްވަންޖެހޭ ގުޅުން ހަރުދަނާވެގެންމެނުވީ މިކަންކަން އިޞްލާޙެއް ނުކުރެވޭނެއެވެ.

ގްރޭޑު 8 ގައި އުޅޭ ފިރިހެން ދަރިވަރަކު ކުލާސްތެރޭގައި އަތުގެ ހަރަކާތުން، ފާޙިޝް ވައްތަރުތަކެއް ޖައްސައި ހީނ ހަދަމުން ދިޔައެވެ. އޭނާ ބުނިގޮތުގައި އެއީ އޮންލައިންކޮށް ގޭމު ކުޅުމުގެތެރެއިން އޭނާއަށް މީހަކު ދަސްކޮށްދޭ ޢަމަލުތަކެވެ. އަދި އެ ކުއްޖާ އެހުރިހައިކަމެއް އަމިއްލައަށް ކުރާކަމަށް ބުނެ ފަޚުރުވެރިކަން ފާޅުކުރިއެވެ. މި މަންޒަރު ބަލައި ވާހަކަ އަޑުއަހަން ތިބި ގިނަ ދަރިވަރުންވެސް މަޖާވެފައި ހޭން ތިއްބެވެ. މިފަދަ އެހެން ވާހަކައެކެވެ. ގްރޭޑު 7 ގައި އުޅޭ ދަރިވަރެއް ގާތުގައި، ނަމާދުގައި ކިޔާ އެއްޗެތި އެނގޭތޯ އެހުމުން ނޭނގޭކަމަށް ބުންޏެވެ. މަންމަމެން ނަމާދުކުރޭތޯ ސުވާލުކޮށްލުމުން، މަންމަވެސް ނަމާދު ނުކުރާކަމަށް ބުންޏެވެ. އިތުރަށް ބުނިގޮތުގައި، ގޭމު ކުޅުމާއި ސޯޝަލްމީޑިއާގެ މަންސަތައް ހޭވުމުގައި އޭނާ ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ.

ޒަމާނީ ގެޖެޓުތައް ދަރިންނަށް ހޯދައިދީ އެތަކެއްޗާއެކު އެކަހެރިކޮށް ތިބެވޭނެ މަގު ފަހިކޮށްދިނުމަކީ ދަރީން ހަލާކުގެތެރެއަށް އެއްލައިލުމެވެ. ބެލެނިވެރީން ބޭނުންވާ ކަންކަން ކުރުމަށް ފަސޭހައަކަށް، ވަރަށް ކުޑަ ކުދީންގެ އަތަށްވެސް ފޯނު ދީފައި ބޭތިއްބުމަކީ މިހާރު ވަރަށް އާއްމު ކަމެކެވެ. އެތައް އިރެއް ވާންދެން މިގޮތަށް ދަރީން ބައިތިއްބާއިރު، އޮންލައިންކޮށް ހުންނަ ފޯނުން އެކުދީންނަށް ފެންނަނީ ކޮންއެއްޗެއްކަމެއް ބެލެނިވެރިޔާއަކަށް ނޭނގެއެވެ. ފޯނު ނުވަތަ ޓެބްލެޓުން އަތްދޫކޮށްލައިފިނަމަ ދެން އެ ދަރިފުޅު އިންނާނީ ޓީވީ ކުރިމަތީގައި ކާޓޫނު ބަލާށެވެ. ގިނަ ބަޔަކަށް ނޭނގުނަސް، ވަރަށް ގިނަ ކާޓޫނު ތަކަކީ ﷲ ޙަރާމްކުރައްވާފައިވާ، އެއްޖިންސުން ގުޅުން ހިންގުމާއި ބަދުއަޚުލާޤީ ޢަމަލުތައް ޕްރޮމޯޓުކުރާ މަންޒަރުތައް ހިމަނާފައިވާ ކާޓޫނުތަކެވެ. މީގެއިތުރުން، އިސްލާމްދީނުގެ އަޚުލާޤިއްޔާތާ ފުށުއަރާ އެތައް ކަމެއް ހިމަނައިގެން އުފައްދާފައިވާ ފިލްމާއި ގޭމާއި ވީޑިއޯއާއި އިޝްތިހާރުތައް ވަރަށް ގިނައެވެ. އިސްލާމްދީނާއި މުޖުތަމަޢުގެ އަގުތަކާ ޚިލާފު ކޮންޓެންޓު ދައްކާތީ، ނެޓްފްލިކްސްއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެކަމަށް ބުނެ، ސަޢުދީ ޢަރަބިއްޔާ ހިމެނޭހެން ގަލްފުގެ ހަޤައުމަކުން ދާދިފަހުން ބަޔާނެއް ނެރުނުކަމީ މީގެ ހެއްކެކެވެ. އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކުރާ ކޮންޓެންޓު ދެއްކުން ޚާއްޞަގޮތެއްގައި މި ބަޔާނުގައި ކުށްވެރިކޮށްފައިވެއެވެ.(ދަ ގާޑިއަން، 2022)

ޓިކްޓޮކާއި އިންސްޓަގްރާމާއި ސްނެޕްޗެޓު ފަދަ މަންސަތަކުގައި ބަރަހަނާވެ، ނަށައި އަގަލުކުޑަ ވައްތަރުޖައްސައި ފޮޓޯއާއި ވީޑިޔޯ ޕޯސްޓުކުރާ ހުރިހައި ދިވެހީންނަކީ ގައިމުވެސް މައިންބަފައިންނެތް މީހުންނަކަށް ނުވާނެއެވެ. މި ނުބައި ކަންކަން އާއްމުވެ، އިންސާނީ ކަރާމާތުން ނިކުމެ ޖަނަވާރުގެ އުޅުމަށް ދަރީން ބަދަލުވަމުންދާއިރު، މައިންބަފައިންގެ ޒިންމާއެއްނެތްކަމަށް ދެކިގެން ތިބޭނީ ކިހައި ދުވަހަކުހެއްޔެވެ؟ މާއްދިއްޔަތަށް ހުސްވެފައިވާ ދިރިއުޅުމުގެ ބަދަލުގައި، ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ހިމެނޭ، ވަޒަންހަމަ ދިރިއުޅުމަކަށް ދަރީން އަހުލުވެރިކުރުވާނީ ކޮންއިރަކުންހެއްޔެވެ؟ ކުޑައިރުއްސުރެ، އިސްލާމީ އުސޫލާ އެއްގޮތަށް ދަރީންގެ ޢައުރަ ނިވައިކުރުވައި، އެކަމުގެ ވާޖިބުކަން ބުނެދިނުމާއެކު އެ ކުދީންނަށް ނަމޫނާ ދައްކަންވީ ވަގުތު ނާދޭހެއްޔެވެ؟ ދަރީންގެ ބެލެނިވެރީންނަކީ ފޯނާއި ޓެބްލެޓާއި ޓީވީކަމަށް ހަދައި، ޙައްދެއް އުސޫލެއް އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްނެތް މުޠުލަޤު މިނިވަންކަމަށް، އެ ދަރީން ދޫކޮށްލައިގެން ތިބުން ނިމުމަކަށް ގެންނާނީ ކިހައިވަރެއް ވީމައިހެއްޔެވެ؟

ތަރުބިޔަތު ކުރުމުގައި މައިންބަފައިންގެ އިހުމާލު އޮތުމަކީ، ފާފައާއި ކުށް ކުރުމުގައި އުމުރު ހުސްކުރުމަށް ދަރިންނަށް ލިބޭ 'ޚާއްޞަ ހުއްދައެއް' ކަމަށް ދަރީން ދެކިގެން ނުވާނެއެވެ. އެމީހަކު ކުރާ ފާފައިގެ އަޒާބު ބައްދަލުކުރާނީ އެމީހަކާއެވެ. އެހެންމީހަކު އެކަން އުފުލާކަށް ނުޖެހޭނެއެވެ.(ފާޠިރު: 18) މައިންބަފައިންނަށް އޮންނާނީ ދަރީން ތަރުބިޔަތު ކުރުމުގައި އިހުމާލުވުމުން އެމީހުންނަށް ޙައްޤުވާ އަޒާބެވެ. ދަރިންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާކަމަށާއި އަދި އެ ޒިންމާ (އެކަށީގެންވާ ގޮތުގައި) އަދާކުރިތޯއާމެދު، ޤިޔާމަތް ދުވަހު ސުވާލު ވެވޭނެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.(متفق عليه) ޤުރުއާނުގައި ސީދާކޮށް 297 ފަހަރު އަދި ނުސީދާކޮށް 342 ފަހަރު، ދަރީންގެ ވާހަކަ ޛިކުރުކުރައްވާފައިވުމުން އެއީ ކިހައި މުހިއްމު ބައެއްކަން ވަޒަންކޮށްލެވެއެވެ. ވީމާ، ތިބާގެ ދަރީން ހަލާކުގެ ތެރެއަށް ދިއުމުގެ ސަބަބަކީ ތިބާކަމުގައި ނުވާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް