މަޖީދީމަގު، ހުދުމާ ފިހާރަ ކައިރި ހުންނަ ޒިކުރާ މިސްކިތުގެ ފެނުގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއިން ކަނޑާލީ އިސްލާމިކް މިނިސްޓްރީން ފެން ބިލް ނުދައްކާތީ ކަމަށް މާލޭސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
އެ މިސްކިތުގެ ފެނުގެ ޚިދުމަތް މިއަދު ކަނޑާލުމާ ގުޅިގެން މާލޭ ސިޓީ ކައުންސިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ، ޒިކުރާ މިސްކިތަށް ފެނުގެ ޚިދުމަތް ދިނުމަށް ލާފައިވާ މީޓަރަކީ އިސްލާމިކް މިނިސްޓްރީން ބިލް ދައްކާ މީޓަރެއް ކަމަށެވެ. އަދި އެ މީޓަރުގެ ފެން ބިލު ނުދައްކާކަން ފާހަގަ ވުމުން މިއަދު މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވާފައި ވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
މިނިސްޓްރީން ނުދައްކާ ވަނީ ކިތައް މަހުގެ ފެން ބިލް ކަމެއް މޭޔަރު ހާމަކުރައްވާފައެއް ނުވެއެވެ. އަދި މިނިސްޓްރީން ނުދައްކާ ވަނީ ކިހާ އަދަދެއްގެ ފައިސާކަމެއް ވެސް މޭޔަރު ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިސްކިތްތަކުގެ ފެނުގެ ކަންކަން ބަލަހައްޓާނީ މާލޭސިޓީ ކައުންސިލުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.