ދިގު އިންތިޒާރެއްގެ ނިމުން، ''ލޯބިވެއްވިއްޖެ'' ލޯންޗުކޮށްފި!

ގިނަ ބެލުންތެރިން އެ ފިލްމަކަށް ދިގު އިންތިޒާރުކުރި "ލޯބިވެވިއްޖެ" ރޭ އޮލިމްޕަހުގައި ލޯންޗުކޮށްފިއެވެ.

ރާއްޖޭގެ ނަން މަޝްހޫރު ގިނަ ސީނިއާ އެކްޓަރުން ފެންނަ މި ފިލްމު ރޭ ލޯންޗުކުރިއިރު، މި ފިލްމަށް ގިނަ ބައެއްގެ ތަރުޙީބު ވަނީ ލިބިފައެވެ. އެގޮތުން ރޭގެ ފުރަތަމަ ޝޯ ބަލަން ވެސް ގިނަ ޢާންމުންނާއި ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކުން ވަނީ ގޮސްފައެވެ.

"ލޯބިވެވިއްޖެ" އަށް ބަލާއިރު، މި ފިލްމުގެ މެއިން ރޯލު ތަކުން ފެންނަނީ މި ފިލްމުގެ ޑައިރެކްޓަރު އަދި ދިވެހި ހުނަރުވެރި ބަތަލް ސީޒަން އަލީ، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ އަދި އަހްމަދު އީސާ (އާނަންދު) އެވެ. އަދި މި ފިލްމުގެ ޚާއްސަ ރޯލަކުން ރާއްޖޭގެ މަޝްހޫރު އަދި އެންމެ ހުނަރުވެރި އެކްޓަރު އަހްމަދު ނިމާލް ވެސް މި ފިލްމުން ފެނެއެވެ.

ލޯބިވެވިއްޖެ ޕްރިމިއާ ކުރުމުގެ ހަފުލާގެ ތެރެއިން-- ފޮޓޯ: ލޯބިވެވިއްޖެ ފޭސްބުކް ޕޭޖް

މި ފިލްމާ މެދު މި ފިލްމުގެ ޑައިރެކްޓަރު އަދި ބަތަލް ސީޒަން އަލީ ވިދާޅުވީ އެ ފިލްމުގެ މަސައްކަތްތައް ކޮވިޑްގެ ސަބަބުން ހުއްޓުނު ނަމަވެސް، ކޮވިޑަށް ފަހުން އަލުން ފިލްމުގެ މަސައްކަތްތައް ކޮށް، ފުރިހަމަ ފިލްމެއް ޢާންމުންނަށް ނެރެވުނީތީ ހިތްހަމަ ޖެހޭ ކަމަށެވެ.

އަދި މި ފިލްމާ މެދު އުންމީދު ބޮޑު ކަމަށާއި، މި ފިލްމަކީ ޢާންމުން މާޔޫސް ކުރާނެ ފިލްމެއް ނޫން ކަމަށް ވެސް ސީޒަން ވިދާޅުވިއެވެ.

"ލޯބިވެވިއްޖެ" ކުޅެފައިވަނީ ޖުމްލަ ތިން ސަރަހައްދެއްގައެވެ. އެއީ މާލެ ސިޓީގެ އިތުރުން، ގދ. ތިނަދޫ އަދި ރާއްޖެއިން ބޭރުން ސްރީލަންކާގައެވެ.

"ލޯބިވެވިއްޖެ" ފާހަގަ ކުރެވުނީ އެފިލްމު ބަލަމުން ދާއިރު، ގިނަ ސުވާލުތަކެއް ޢާންމުންނަށް ކުރިމަތިކުރިވި ފިލްމެއްގެ ގޮތުގައެވެ. ނުވަތަ ފިލްމީ ނަމުން ބުނާ ނަމަ "ސަސްޕެންސް" ގިނަ ފިލްމެއްގެ ގޮތުގައެވެ.

ލޯބިވެވިއްޖެ ޕްރިމިއާ ކުރުމުގެ ހަފުލާގެ ތެރެއިން-- ފޮޓޯ: ލޯބިވެވިއްޖެ ފޭސްބުކް ޕޭޖް

މި ފިލްމަކީ ލޯބީގެ ފިލްމަކަށް ވިޔަސް، މި ފިލްމުގައި ލޯބީގެ ކަންކަމުގެ އިތުރުން، އިތުރު އެހެނިހެން ކަންކަން ވެސް ވަނީ ހިމަނާފައެވެ.

"ލޯބިވެވިއްޖެ" ފިލްމުގެ ޓިކެޓް މިހާރު ވެސް ވިކެމުންދާއިރު، މި ފިލްމުގެ ޓިކެޓުތައް ލިބޭނީ އޮލިމްޕަސްގެ ކައުންޓަރުންނެވެ. އަދި އެ ފިލްމުގެ ޓިކެޓު ގަތުމަށް ޚާއްސަ ނަންބަރު 7458800 އަށް ގުޅައިގެން ވެސް ޓިކެޓު ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

"ލޯބިވެވިއްޖެ" މި ފިލްމަކީ 2019 ވަނަ އަހަރު ޝޫޓް ކުރަން ފެށި ފިލްމެކެވެ. އެހެން ނަމަވެސް ކޮވިޑްގެ ސަބަބުން މި ފިލްމުގެ މަސައްކަތްތަކަށް ލަސްކަމެއް އައިސް ހުއްޓުނު ނަމަވެސް، 2022 ވަނަ އަހަރު މި ފިލްމު ވަނީ އަލުން ރީޝޫޓްކޮށް ނިންމާފައެވެ. އެހެން ކަމުން މި ފިލްމު ބެލުމަށް ގިނަ ފަރާތްތަކެއް ތިބީ ކެތްމަދުވެފައެވެ.

comment ކޮމެންޓް