ރ. އިނގުރައިދޫގައި ވައްކަމާއި ފޭރުން އިތުރުވަމުންދާތީވެ، އެ މައްސަލަތައް ހައްލުކުރުމަށް އެ ރަށު ކައުންސިލުން އެންމެފަހުން ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އިނގުރައިދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފަހަކަށް އައިސް އެރަށުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.
ރަށުގެ އަމަންއަމާންކަން ނަގާލައި، ރައްޔިތުންގެ މުދަލަށް އަރައިގަނެ، ވައްކަންކުރަމުންދާތީ މިފަދަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.
"ސަން"އާ ވާހަކަދައްކަވަމުން އިނގުރައިދޫ ކައުންސިލް ހިންގުމައި ވަގުތީގޮތުން ހަވާލުވެ ހުންނެވި ކައުންސިލް މެމްބަރު ޒުހައިރު ޢަބްދުﷲ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ރަށަށް ކުރިމަތިވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށެވެ. މިގޮތުން ވައްކަމާއި ފޭރުމުގެ މިފަދަ މައްސަލަތަކުގައި މީހުންގެ އިނގިލި ދިއްކުރަނީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ކަމަށް ވެސް ޒުހޭރު ފާހަގަކުރެއްވިއެވެ.
މީގެ ދެތިން ދުވަހެއް ކުރިން އިނގުރައިދޫގެ ފިހާރައަކަށް މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ ބިރުދައްކައި ފިހާރައިން ވޮލެޓެއް ފޭރުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އިނގުރައިދޫ ކައުންސިލުގެ ބަޔާނުގައި، އެ ރަށުގައި ހިނގަމުން އަންނަ ވައްކަމާއި ފޭރުމުގެ މައްސަލަތައް ހައްލު ހޯދުމަށާއި، ކުށުގެ ވެށީގެ ތެރެއަށް މީހުން ވަންނަވަރު މަދުކުރުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކައި ގުޅިގެން މަޝްވަރާ ކުރަމުންދާ ކަމަށެވެ. މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ރަށުގެ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށްވީއިރު، މިކަންކަން ހައްލުކުރުމަށް ރަށު ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.
މީގެ އިތުރުން ކުރިއަށްވުރެ ބޮޑަށް އަމިއްލަ މުދަލަށް ރައްކާތެރިވެ، ވައްކަންކުރާ މީހުނަށް އެ ފުރުސަތު ފަހިވާނޭގޮތަށް އަމަލުތައް ނުބެހެއްޓުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ރ އިނގުރައިދޫ އަކީ އާބާދީގައި ގާތްގަނޑަކަށް 2000 ހާހެއްހާ މީހުން އުޅެމުންދާ ރަށެކެވެ. އިނގުރައިދޫއަކީ ކިއްސަރު ވަޑާމަށް މަޝްހޫރު ރަށެކެވެ.