އަދްނާންގެ މަރާއެކު އިޒްރޭލާއި ޣައްޒާއިން ރޮކެޓް ހަމަލާތައް ބަދަލުކޮށްފި

ފަލަސްތީންގެ ގައިދީއެއް ކަމަށްވާ ޚާދަރު އަދުނާން އިއްޔެ މަރުވުމާއެކު އިޒްރޭލާ ޢައްޒާއާ ދެމެދު ރޮކެޓް ހަމަލާތައް ބަދަލު ކުރުމުގެ ތެރެއިން --ފޮޓޯ/ ރޮއިޓާސް

އިޒްރޭލުގެ ޖަލެއްގައި ހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދިޔަ ފަލަސްތީންގެ ގައިދީއެއް ކަމަށްވާ ޚާދަރު އަދުނާން އިއްޔެ މަރުވުމާއެކު އިޒްރޭލާ ޢައްޒާއާ ދެމެދު ރޮކެޓް ހަމަލާތައް ބަދަލު ކޮށްފިއެވެ.

ގާތްގަނޑަކަށް ތިން މަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދަނިކޮށް ފަލަސްތީނުގެ ގައިދީ ޚާދަރު އަދުނާން އިޒްރޭލުގެ ޖަލެއްގައި ހުއްޓާ މަރުވިތާ އިރުކޮޅެއް ފަހުން ޢައްޒާއިން ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތައް ފޮނުވާފައެވެ. އެއާއެކު އިޒްރޭލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ވަނީ ގައްޒާ ވަށާލައި އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދީފައެވެ.

ޢައްޒާއިން މިހަމަލާތައް ފަށާފައި މިވަނީ އަދުނާންގެ މަރާއެކު އޭނާ ނިސްބަތްވާ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ވަނީ އިޒްރޭލަށް އިންޒާރު ދީ އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެފައިވަނިކޮށެވެ.

ޓީއާރްޓީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ވަނީ އެ ގައުމުގެ ފައިޓާ ޖެޓްތަކާ ޑްރޯންތައް ބޭނުންކޮށްގެން ޢައްޒާގެ އުތުރުގެ އެތަށް ސަރަހައްދަކަށް ބޮން އަޅާފައެވެ. މި ހަމަލާތަކުގެ ދިފާއުގައި ފަލަސްތީނުންވެސް ވަނީ ރޮކެޓް ހަމަލާތައް ފޮނުވާފައެވެ.

އަދުނާން މަރުވެފައި އޮއްވާ ފެނުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ގޮޅި ތެރެއިންނެވެ. އިޒްރޭލުގެ އޮފިޝަލުން ބުނި ގޮތުގައި ފާއިތުވި ދުވަސްތަކުގައި އޭނާ ވަނީ މެޑިކަލް ޓެސްޓު ހެދުމަށާއި ބޭސްފަރުވާއަށް ވެސް ދެކޮޅު ހަދާފައެވެ.

އަދުނާންގެ މަރާ ގުޅިގެން އޭނާގެ އަނބިމީހާ ރަންދާ މޫސާ ވަނީ އޭނާގެ ފިރިމީހާގެ މަރަކީ ޝަހީދުވުމުގެ ގޮތުގައި ސިފަކޮށް، އެކަމާމެދު ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އަދުނާންގެ މަރު ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ މައްސަލަ ބެލުމަށް ބައިނަލްއަގްވާމީ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.

އަދުނާން ހަޅުތާލު ފެށީ އޭނާ ދައުވާއަކާ ނުލައި ހައްޔަރުކޮށްފައި ބެހެއްޓުމުން، ހައްޔަރު ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ. އޭނާ ވަނީ މީގެ ކުރިން ހައްޔަރު ކުރުމުންވެސް އެތައް ފަހަރަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކޮށްފައެވެ.

އެގޮތުން 2015 ވަނަ އަހަރު އޭނާ ހައްޔަރު ކުރުމުން 55 ދުވަހަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވަނީ ކޮށްފައެވެ.

މީގެ ކުރިން އޭނާ 12 ފަހަރަކު ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް