ޗާގޯސްއާ ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގައި ފުށުއެރި މައްސަލައިގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން، ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ނިންމުމަކީ ދިވެހި މަސް ކަނޑުތަކާއި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން އެ ޕާޓީން ވަނީ، ދިވެހިރާއްޖޭގެ ސަރުކާރުން ވަކާލާތު ކުރި ގޮތަށް އިޓްލޮސްއިން ނިންމުމާ ވިދިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް މަރުހަބާ ކިޔާފައެވެ.
އަދާލަތުން ބުނީ މި ނިންމުމާ ވިދިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުން ދާ ވާހަކަތަކީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ކަމުގައި އެ ޕާޓީން ނުދެކޭ ކަމަށެވެ.
"ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނެ އައިސީޖޭއިން ނެރުނު އިސްތިޝާރީ ލަފާގެ މައްސަލަ އަލުން އދ. އަށް ހުށަހެޅިއްޖެނަމަ، ސަރަޙައްދާ ބެހޭގޮތުން ރާއްޖެއިން ކުރާ ދައުވާ ދޫކޮށްނުލައި, މޮރިޝަސްއަށް ތާއީދު ކުރައްވާނެކަމަށް ރައީސް ވިދާޅުވުމަކީ، ރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލަން އެއްބަސްވެލެއްވުން ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބުނުމެެއް،" އަދާލަތުން ބުންޏެވެ.
ހަމައެހެންމެ، އިޓްލޮސް އިން ބަލަމުން އައި މައްސަލައިގައި، މޮރިޝަސްގެ ސިޔާދަތީ ބާރު، ފޯޅަވަހީގެ މައްޗަށް ހިނގުމާމެދު ރާއްޖެއިން އުފެއްދި ސުވާލަށް، އޭގެކުރިން ޓްރައިބިއުނަލްއިން ގޮތެއް ކަނޑައަޅާފައިވާ ކަމަށް ވެސް އަދާލަތުން ބުންޏެވެ.
އޭގެ އިތުރުން، ގާނޫނު އަސާސީގެ ތިން ވަނަ މާއްދާއާ ހަވާލާދީ، ދިވެހިރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނައުމަށް ރައީސް ނިންމެވިކަމަށް ބުނެ ދައްކާ ވާހަކައަކީވެސް ރަނގަޅު ވާހަކައެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަަށް ވެސް އަދާލަތުން ބުނެއެވެ.
އަދާލަތުން ބުނީ ގާނޫނު އަސާސީގެ ތިން ވަނަ މާއްދާގައި ބަޔާންކުރާ ރާއްޖޭގެ ސަރަޙައްދު ކަމުގައި ބެލެވޭނީ ރާއްޖޭގެ ބޭސްލައިންއިން ފެށިގެން 12 ނޯޓިކަލް މައިލް ހިމެނޭ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން، ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން ގަބޫލުކުރަން ނިންމުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ، ރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލަން ރާއްޖެއިން ނިންމުން ނޫން ކަމަށް އެޕާޓީން ފާހަގަކުރެއެވެ.
"އާންމު އުސޫލުން ބަލާނަމަ، ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދަކީ އެ ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލަށް ދަމައިލެވޭ ސަރަޙައްދެއް ނަމަވެސް، އުތުރާއި ދެކުނުގައި ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަޙައްދާ ފުށުއަރާ އެހެނިހެން ސިޔާދަތީ ބާރުތަށް އޮތުމުން މި ސަރަޙައްދުތަކުގައި ވަނީ އިތުރަށް އިން ކުރެވިފަ،" އަދާލަތުން ބުންޏެވެ.
މިގޮތުން އިންޑިއާ އާއި ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު 1976 ވަނަ އަހަރު އުތުރުގެ އިގްތިޞާދީ ސަރަޙައްދާ މެދު އެއްބަސްވުމަކަށް އާދެވިފައި ވާ ކަމަށް އަދާލަތުން ބުންޏެވެ. ނަމަވެސް 1968 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ އަތްދަށުގައި އޮތް ފޯޅަވައްސާ ރާއްޖެއާ ދެމެދު އޮތް ސަރަހައްދުގައި ދެ ގައުމުގެ އިން ރަސްމީކޮށް ކަނޑައެޅިފައެއް ނުވާ ކަން އެ ޕާޓީން ފާހަގަކުރެއެވެ.
އެ ޕާޓީން ބުނީ ރަސްމީކޮށް އިން ކަނޑައެޅިގެން ދިއުމަކީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ދިވެހިރާއްޖޭގެ ހައްގު އިތުރަށް ކަށަވަރު ކުރެވި ގުދުރަތީ ވަސީލަތްތަށް ހިމާޔަތްކޮށް ދިވެހިންނަށް ޚާއްސަކޮށް އޭގެ މަންފާ ހޯދުމަށް ލިބިގެންދިޔަ އިތުރު ބާރެެއް ކަމަށެވެ. އަދި އެ ކަންކަމަށް ރިއާޔަތްކުރާއިރު، ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އުފެދިފައިވާ ޚިލާފުގައި ދިވެހި ސަރުކާރުން ގެންގުޅުއްވި ހަމަތަކަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ފުށުއަރާ ހަމަތަކެއް ނޫން ކަމަށެވެ.
މި ކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަޙައްދަށް ބައިނަލްއަގުވާމީ ގާނޫނުން ކަށަވަރުކަމާއި ރައްކާތެރިކަން ލިބިގެން ދިޔަ ދިޔުމަކީ، ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށް ވެސް އަދާލަތުން ބުންޏެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލައިގައި 58 އަހަރު ވީއިރު ވެސް ވަކި ގޮތެއް ނުނިންމައި އޮތުމަށް ފަހު، އިޓްލޮސްއިން މައްސަލަ ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހެވެ.
އިޓްލޮސްއިން ނިންމީ ރާއްޖެއާއި މޮރީޝަސްއާ ކަނޑުގެ ސަރަޙައްދުން ފުށުއެރި 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިނުމަށެވެ. މޮރީޝަސްއަށް ދިނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
މި ނިންމުމާ އެކު، ރާއްޖެއަށް 4،687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުނުނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.