ޗޯގާސްގެ މައްސަލައިގައި، ކުރީގެ އެޓާނީ ޖެނެރަލުންނާއި ކުރީގެ ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މާދަމާ ހަވީރު 16:00 ގައި މަންހަޓަން ބިޒްނަސް ހޮޓަލުގެ ބެންކުއެޓް ހޯލުގައެވެ.
ކުރީގެ ބަންޑާރަ ނައިބު، ޑރ. މުޙައްމަދު މުނައްވަރު ކުރެއްވި ޓުވީޓެއްގައި ވަނީ އިމުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި ކުރީގެ އެޓާނީ ޖެނެރަލުންނާއި ވަޒީރުންނާއި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިންނަށާއި ޝައުގުވެރިވާ އެހެން ފަރާތްތަކަށް ދައުވަތު ދެއްވާފައެވެ.
މީގެ ކުރިން ވެސް މުނައްވަރު ވަނީ ޗާގޯސް މައްސަލައިގައި ޕްރެސްއެއް ބާއްވާ ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި މައްސަލަ މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި ފަހުން ވެސް، އެ މައްސަލައަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީ، އާންމުންނާ އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ދާން އެދިވަޑައިގެން އޭނާ ބަޔާނެއްވެސް ނެރުއްވިއެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލައިގައި 58 އަހަރު ވީއިރު ވެސް ވަކި ގޮތެއް ނުނިންމައި އޮތުމަށް ފަހު، އިޓްލޮސްއިން މައްސަލަ ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހެވެ.
އިޓްލޮސްއިން ނިންމީ ރާއްޖެއާއި މޮރީޝަސްއާ ކަނޑުގެ ސަރަޙައްދުން ފުށުއެރި 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިނުމަށެވެ. މޮރީޝަސްއަށް ދިނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
މި ނިންމުމާ އެކު، ރާއްޖެއަށް 4،687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުނުނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

ފޯޅަވަހި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޑރ. މުނައްވަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
މި މައްސަލައިގައި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނާއި އެހެން ބައެއް ސިޔާސީ ޕާޓީތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މައްސަލައިގައި އިދިކޮޅު ފަރާތްތަކާއި ބައެއެއް ސިޔާސީ ޕާޓީތަކުން ވަނީ، ރާއްޖެއިން ބައެއް ވިއްކާލީ ކަމަށް ބުނެ، ސަރުކާރަށް ފާޑުކިޔާފައެވެ.