އަދިވެސް ކޮވިޑުގެ އަދަދުތައް ދަށެއް ނުވޭ، ވަނީ އިތުރު

ޖުލައި 15، 2021: މާލެ ސަރަހައްދުގައި ކޮވިޑްގެ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު އެޗްޕީއޭގެ ރެންޑަމް ސާމްޕަލް ނަގަނީ. -- ސަން ފޮޓޯ/ފަޔާޒް މޫސާ

އަދިވެސް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްނުވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ އެޖެންސީން އާންމުކުރި ފާއިތުވި ހަފުތާގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަފުތާގައި މުޅި ރާއްޖެއިން 194 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

އޭގެ ތެރެއިން އެންމެ ގިނައީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. މާލޭ ސަރަހައްދުން 105 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ރަށްރަށުން 42 މީހަކު ޕޮޒިޓިވްވެފައިވާއިރު އެހެނިހެން 47 ކޭސްއެއް ފެނިފައިވެއެވެ. އަދި އެ ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 38އަށް އަރައެވެ.

ފާއިތުވި ތިން ހަފުތާއަށް ބަލާނަމަ ވެސް ރާއްޖޭގައި ކޮވިޑަށް މީހުން ޕޮޒިޓިވްވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ ހަފުތާ 199 މީހުން ޕޮޒިޓިވްވިއިރު އޭގެ ކުރީ ހަފުތާ 148 މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ.

މި އަދަދުތަކާއެކު ހޮސްޕިޓަލުގައި އެނދުމަތިކުރާ މީހުންގެ އަދަަދުތައް ވެސް ކޮންމެ ހަފުތާއަކުން އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން މިދިޔަ ހަފުތާގައި 35 މީހުން ހޮސްޕިޓަލުގައި އެޑްމިޓުކުރިއިރު އޭގެ ކުރީ ހަފުތާ 28 މީހަކު އެޑްމިޓުކުރިއެވެ.

އަދަަދުތައް އިތުރުވަމުން އަންނާތީ އެޗްޕީއޭއިން އަންނަނީ ބައްޔާމެދު ސަމާލުވެ، ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމުންނެވެ. އެގޮތުން ހުން އައިސް ރޯގާހެން ހީވާނަމަ ޑޮކްޓަރަށް ދައްކައި ޓެސްޓުކުރުމަށް އެޗްޕީއޭއިން އެދެއެވެ. އަދި އާންމު ސާފުތާހިރުކަން އިތުރުކުރުމަށް ވެސް އެދެއެވެ.

comment ކޮމެންޓް