މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓުރޭޝަން އިން 2012 ވަނަ އަހަރުން ފެށިގެން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މި އަހަރުގެ ފޯރަމް މި މަހު ފަހުކޮޅު ބާއްވަން ނިންމައިފިއެވެ.
މި އަހަރުގެ ފޯރަމް ވެސް ބޭއްވުމަށް ނިންމާފައިވަނީ ނިމިދިޔަ އަހަރު ވެސް ބޭއްވި ކުރުނބާ މޯލްޑިވްސް ގައެވެ. އެގޮތުން މި އަހަރުގެ ފޯރަމް ޚާއްސަކޮށްފައިވަނީ ފިންޓެކް (ފައިނޭންޝަލް ޓެކްނޮލޮޖީސް) އަދި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) އަށެވެ.
މި އަހަރުގެ ފޯރަމުގައި ފިންޓެކް އަދި އޭއައިގެ ސަބަބުން މާލީ ދާއިރާގައި ބޭނުންކުރާ ބަދަލުތަކާއި އަދި އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގ މާލީ ދާއިރާއަށް ހުރި ހިރާސްތަކާއި އަދި ފުރުސަތުތަކާއި މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ހަމައެހެންމެ، ފިންޓެކް އާއި އޭއައި މެދުވެރިކޮށް، ރާއްޖޭގެ މާލީ ޚިދުމަތްތައް ތަރައްގީކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެސް މި އަހަރުގެ ފޯރަމުގައި މަޝްވަރާ ކުރާނެއެވެ.
ކޮންމެ އަހަރުވެސް ވަކި ތީމްއެއްގެ މައްޗަށް ފޯރަމް ކުރިއަށް ގެންދާއިރު ނިމިދިޔަ އަހަރުގެ ފޯރަމްގެ ތީމް އަކީ "ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް އިން ދަ މޯލްޑިވްސް" ނުވަތަ "ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުން" މިއެވެ.
އެގޮތުން ނިމިދިޔަ އަހަރުގެ މާލީ ދާއިރާއާ ބެހޭ މަހާސިންތާގެ ތީމަށް އަލިއަޅުވާލައްވަމުން ގަވަރުނަރު މީގެ ކުރިން ވިދާޅުވީ އެންމެން ގުޅިގެން ވިލުންވެރި ގޮތެއްގައި ފައިނޭންޝަލް ސެކްޓާ ކުރިއެރުމަށް ނިމިދިޔަ އަހަރުގެ ފޯރަމުގެ ތީމް ވަރަށް މުހިއްމު ކަމަށެވެ.
އަދި އޭގެ ސަބަބުން މާލީ ދާއިރާއަށް ދިމާވާ މައްސަލަތައް ފާހަގަކޮށް، އެކަންކަން މޮނިޓާކޮށް އަދި ހައްލުކުރަން ފުުރުސަތު ދޭނެ ޕްލެޓްފޯމަކަށް އެ ފޯރަމް ވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ޕެންޝަން އޮފީހުން އިންތިޒާމްކުރާ މޯލްޑިވްސް ފައިނޭންސް ފޯރަމް ފެށީ 2012 ވަނަ އަހަރުއެވެ. އެގޮތުން މި ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި، އެ ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައި ގަތުމަށްޓަކައި ފައިނޭންޝަލް ދާއިރާގެ މާހިރުންގެ ޚިޔާލާއި ބައިވެރިވުމާއެކު ކުރިއަށް ގެންދާ ފޯރަމެކެވެ.