ދަމާސްގެ މުވައްޒަފުންނަށް ޚާއްސަ ސްޕޯޓްސް ފެސްޓް ވަރަށް މަޖާ

ދަމާސްގެ ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން --- ފޮޓޯ/ ދަމާސް

ދަމާސް އިން އެކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކޮށް، "ދަމާސް ސްޕޯޓްސް ފެސްޓިވަލް 2022"ގެ ނަމުގައި ފޯރިގަދަ ހަރަކާތެއް ބާއްވައިފިއެވެ.

އިމާދުއްދީން ސްކޫލުގައި ބޭއްވި މި ޚާއްސަ ހަރަކާތުގައި އެކުންފުނީގެ ގާތްގަޑަކަށް ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެކުންފުނީގެ މުވައްޒަފުން ފަސް ޑިވިޝަނަކަށް ބަހާލައިގެން، މުބާރާތެއްގެ އުސޫލުންނެވެ.

މި ހަރަކާތުގައި އެކުންފުނީގެ މުވައްޒަފުންނާ އެކު އެކުންފުނީގެ މެނޭޖްމެންޓުގެ ބޭފުޅުން ވެސް ބައިވެރިވިއެވެ.

މި ހަރަކާތާ ގުޅޭ ގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން ދަމާސްގެ އޮފިޝަލަކު ވިދާޅުވީ މުވައްޒަފުންނަށް ބޭއްވުނު ހަރަކާތުގެ ބޭނުމަކީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމާއެކު، އެންމެން އެކުގައި އުފާވެރި މާހައުލެއްގައި ވަގުތު ހޭދަ ކުރުން ކަމަށެވެ.

ދަމާސްގެ ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން --- ފޮޓޯ/ ދަމާސް

މިއީ މިފަދަ ހަރަކާތެއް ދަމާސް އިން ހިންގި ދެވަނަ ފަހަރެވެ. އެގޮތުން ނިމިދިޔަ އަހަރު ވެސް މިފަދަ ހަރަކާތެއް ދަމާސް އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދަމާސްގެ އޮފިޝަލް ވިދާޅުވީ އެފަދަ ހަރަކާތްތަކަކީ ދަމާސްއިން ވަރަށް ބޮޑަށް އިސްކަމެއް ދޭ ހަރަކާތްތައް ކަމަށެވެ.

އެއީ އޭގެ ސަބަބުން މުވައްޒަފުންނާއި ކުންފުނީގެ މެނޭޖްމެންޓާ އޮންނަ ގުޅުން ބަދަހިވެ، ދޭދޭ މުވައްޒަފުންގެ ގުޅުން ވެސް ބަދަހި ވެގެން ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދަމާސްގެ ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން --- ފޮޓޯ/ ދަމާސް

މި ހަރަކާތުން އެއްވަނަ ލިބުނީ ދަމާސް ރިއަލް އެސްޓޭޓް ޓީމަށެވެ. ދެވަނަ އިންޑެކްސް ފަރުނީޗާ އަށް ލިބުނު އިރު، ތިންވަނަ ލިބުނީ އޯޝަން މާސްޓާއަށެވެ.

ހަތަރުވަނަ ޑިއުރޯފްލެކްސް އަށް ލިބުނުއިރު ފަސްވަނަ ލިބުނީ މަލްޓިލެކް އަށެވެ.

ދަމާސް އިން ބުނީ އެކުންފުނީގެ އަމާޒަކީ އެފަދަ ހަރަކާތްތައް ނުހުއްޓި ކުރިއަށް ގެންދިޔުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް