ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަ ކޮމްޕެނީ / އޮފީސް ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.
ހުޅުމާލެ ވޮލީބޯޅަ ކޯޓުގައި ކުރިއަށްގެންދާ އެ މުބާރާތް އިއްޔެ ފެށިގެންދިޔަ އިރު، ފުރަތަމަ މެޗުތައް ކާމިޔާބުކުރީ ސްޓެލްކޯ އާއި އާބަންކޯއެވެ.
އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ސްޓެލްކޯއެވެ. އިއްޔެ ހަވީރު ކުޅުނު އެ މެޗުން ސްޓެލްކޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެޓީމުން ސެޓުތައް ގެންދިޔައީ 31-33، 19-25 އަދި 25-27 އިންނެވެ.
ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ އާބަންކޯ އާއި މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އެވެ. އެ މެޗު އާބަންކޯ އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެންޓުންނެވެ. އާބަންކޯ އިން ސެޓުތައް ގެންދިޔައީ 20-25، 10-25 އަދި 18-25 އިންނެވެ.
މުބާރާތުގައި އާބަންކޯގެ ޓީމަކީ ވެސް ވަރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަކޮށްލެވޭނެ ޓީމެކެވެ. އެޓީމުގައި ގައުމީ ވޮލީ ޓީމުގެ ކުރީގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އާއި، ގައުމީ ޓީމުގެ އާދަމް ފައިރޫޒާއި، ބީޗް ވޮލީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޝަމާއިލް ހުސައިން އަދި ބީޗް ވޮލީން ގޯލްޑް މެޑައްޔެއް ހޯދާފައިވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހިމެނެއެވެ. އޭގެ އިތުރުން އާބަންކޯ ޓީމަށް އިރުޝާދު ދެނީވެސް ތަޖުރިބާކާރު ކޯޗު މުހައްމަދު ސާޖިދެވެ.
ވަރުގަދަ ވޮލީ ކުޅުންތެރިންތަކެއް ފެނިގެންދާ އޮފީސްތަކުގެ ވޮލީ މުބާރާތުގައި މިފަހަރު ޖުމުލަ ނުވަ ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު، ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކެވެ.
މުބާރާތުގެ "ގްރޫޕު އޭ" ގައި ހިމެނެނީ އާބަންކޯ އާއި ސްޓެލްކޯ އާއި އެމްއޭސީލް އާއި އެމްޕީއެލްގެ އިތުރުން ވަރުގަދަ ޕޮލިހެވެ. އަދި "ގްރޫޕު ބީ" ގައި ހިމެނެނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން ވަރުގަދަ ސިފައިންގެ ޓީމެވެ.