ފްރާންސް ލީގުގައި ލޮރިއެންޓާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސްގެ ވަރުގަދަ ކްލަބު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލޮރިއެންޓް އަތުން ޕީއެސްޖީ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ބޮޑުބައި ޕީއެސްޖީން ފުރިހަމަކުރަން ޖެހުނީ ރަތް ކާޑަކާ ގުޅިގެން ކުޅުންތެރިޔަކު މަދުކޮށެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ޕީއެސްޖީއަށް ގޯލު ޖެހުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އާޖެންޓީނާ ތަރި ލިއޮނެލް މެސީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ފްރާންސް ތަރި ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ ލޮރިއެންޓްގެ ކީޕަރު އިވޯން މޯގޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ ލޮރިއެންޓުންނެވެ. ރޯމަން ފައިވާ ދިން ބޯޅައަކުން ލޮރިއެންޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު އެންޒޯ ލެ ފީއެވެ. އޭނާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، ހުރީ ވަރަށް ހުސްކޮށެވެ.
ޕީއެސްޖީއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ދެވަނަ ރީނދޫ ކާޑަކާއެކު އެޓީމުގެ މޮރޮކޯ މިޑްފީލްޑަރު އަޝްރަފް ހަކީމީއަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ހަކީމީއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ލޮރިއެންޓްގެ ޑާލީން ޔޮންގްވާއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އޭގެ ކުރިން އޭނާއަށް ދެއްކި ފުރަތަމަ ރީނދޫ ކާޑަކީ މެޗުގެ ދެވަނަ މިނެޓުގައި ލޮރިއެންޓްގެ ފައިވާއަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ކާޑެކެވެ.
ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ޕީއެސްޖީން ވަނީ މެޗުގެ 29 ވަނަ މިނެޓުގައި ގޯލެއް ޖަހައި އުންމީދެއް ހޯދައިފައެވެ. ލޮރިއެންޓްގެ ކީޕަރު މޯގޯއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި، ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެމްބާޕޭއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ލޮރިއެންޓުން ވަނީ ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ލޮރިއެންޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެމަރޫން ޑިފެންޑަރު ޔޮންގްވާއެވެ. ފައިވާ ދިން ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ޕީއެސްޖީގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުކުރެވިފައި ނުވާ އިރު، ޔޮންގްވާއަށް ބޯޅަ ލިބުނީ އޭނާ ވަރަށް ހުސްކޮށް ހުއްޓައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލޮރިއެންޓް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އަދި ލޮރިއެންޓަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިން ހުރަހަކުން ޕީއެސްޖީގެ ޑެނީލޯ ޕެރޭރާ ފޮނުވާލި ހަމަލާއެއް ލޮރިއެންޓްގެ ކީޕަރު މޯގޯ ހުޝިޔާރުކަމާއެކު މަތަކުރި އިރު، މެޗުގެ 76 ވަނަ މިނެޓުގައި ލެ ފީ ދިން ބޯޅައަކުން ވަރަށް ހުސްކޮށް ހުރެ ބަމްބާ ޑިއެންގް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ލޮރިއެންޓުން އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. ކައުންޓާ އެޓޭކެއްގައި ލޮރިއެންޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނެގާލް ފޯވަޑް ބަމްބާ ޑިއެންގެވެ. އޭނާގެ ފުރަތަމަ ހަމަލާ ޕީއެސްޖީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ މަތަކުރި ނަމަވެސް، ޑިއެންގް ވަނީ ރީބައުންސް ބޯޅަ ފަސޭހަކަމާއެކު ގޯލަށް ފޮނުވާލައިގެން ލޮރިއެންޓަށް ދެ ގޯލުގެ ލީޑެއް ހޯދައިދީފައެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޕީއެސްޖީ އެ މެޗުން ބަލިވުމާއެކު މިހާރު އެޓީމާއި ދެވަނައިގައި އޮތް މާސޭއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. ޕީއެސްޖީއަށް 33 މެޗުން 75 ޕޮއިންޓް ލިބިފައިވާ އިރު، މާސޭއަށް 33 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ.