ލިވަޕޫލް ތާވަލުގެ ފަސްވަނައަށް، ރިޗާލިސަނަށް ވަރުގަދަ ފިލާވަޅެއް!

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ކޮޅަށް ގޯލު ޖެހުމަށްފަހު ޑިއާޒް އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް، ލިވަޕޫލުން ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލުގެ އެންފީލްޑްގައި މިރޭ ކުޅުނު ވާދަވެރި މެޗުގައި ހަތް ގޯލު ފެނިގެންދިޔައެވެ. އެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

އެ މެޗުން މޮޅުވެ، ލިވަޕޫލުން ވަނީ ކުޅުނު 33 މެޗުން ހޯދި 56 ޕޮއިންޓާއެކު ފަސްވަނައަށް ޖެހިލައިފައެވެ. އަނެއްކޮޅުން މެޗުން ބަލިވުމާއެކު ޓޮޓެންހަމް ވަނީ ހަ ވަނައަށް ވެއްޓިފައެވެ. އެޓީމަށް 34 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. ލިވަޕޫލުން ފަސްވަނައަށް ޖެހިލި ނަމަވެސް، ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. ލިވަޕޫލާއި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މިރޭގެ މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ދެ ގޯލު ޖަހައިފައެވެ. މެޗުގެ ދެވަނަ މިނެޓުގައި ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން ލިވަޕޫލުގެ ފުރަތަމަ ގޯލު އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ކާޓިސް ޖޯންސް ކާމިޔާބުކޮށްދިން އިރު، މެޗުގެ ފަސްވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ދިން ބޯޅައަކުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަނިޔާއާ ގުޅިގެން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި ކުޅުމަށް ނުކުތް ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒެވެ.

ލިވަޕޫލުން ވަނީ މެޗުގެ 15 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި، ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ގަކްޕޯއަށް ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ތަރި މުހައްމަދު ސަލާހެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ހަ މިނެޓު ކުރިން ޓޮޓެންހަމުން ވަނީ ގޯލެއް ޖަހައި އުންމީދު އާކޮށްފައެވެ. އިވާން ޕެރިސިޗް ނަގައިދިން ހުރަހަކުން ޓޮޓެންހަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ހެރީ ކޭންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ފަހުކޮޅު ޓޮޓެންހަމުން ވަނީ ދެ ގޯލު ޖަހައި ނަތީޖާ ވެސް ހަމަހަމަކޮށްފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ދެވަނަ ގޯލު ދެކުނު ކޮރެއާ ފޯވަޑް ސޮން ހިއުން މިން ކާމިޔާބުކޮށްދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްދިނީ ބްރެޒިލް ފޯވަޑް ރިޗާލިސަންއެވެ. ޓޮޓެންހަމްގެ ރިޗާލިސަން އެ ގޯލާއެކު ޖާޒީ ބާލައި، ވަރަށް ބޮޑަށް އުފާފާޅުވެސް ކުރިއެވެ.

އެއްވަރުވާން ދަނިކޮށް، މެޗު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުވި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލް ފޯވަޑް ޑިއޯގޯ ޖޮޓާއެވެ.

comment ކޮމެންޓް