އިން ކަނޑައެޅުމާއެކު، ކޯސްޓްގާޑުގެ ގާބިލްކަން އިތުރު ކުރަނީ

މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިން ކަނޑައެޅިގެން ދިއުމާއެކު ގައުމީ ދިފާއީ ބާރުގެ ކޯސްޑްގާޑުގެ ގާބިލްކަން އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ދެކުނުގެ އިން ކަނޑައެޅިގެން ދިއުމާއެކު ކޯސްގާޑުގެ ގާބިލްކަން އިތުރު ކުރުމަށް މިހާތަނަށް ކޯސްޓްގާޑަށް ކޮމިޝަން ނުކުރާވަރުގެ އޮފްޝޯ ޕެޓްރޯލް ވެސެލެއް ވަރަށް އަވަހަށް ކޮމިޝަން ކުރާނެ ކަމަށެވެ.

ޝަމާލް ވިދާޅުވީ އެއީ 50 މީޓަރުގެ ޕެޓްރޯލް ވެސެލެއް ކަމަށާއި، އިތުރު ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން، އަންމޭންޑް އޭރިއަލް ވެހިކަލް، ޔޫއޭވީ، އަދި ސާވައިލަންސް އެ ސަރަހައްދުގައި ވަރުގަދަ ކުރާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ޕްރެޒެންސް، އަސްކަރީ ޕްރެޒެންސް އެސަރަހައްދުގައި ވަރުގަދަކުރުމަކީ އޭގެތެރެއިން ވަކިން ޚާއްޞަކޮށް ކަނޑުމަތީގެ ޕްލެޓްފޯމްތަކާ އަދިވެސް މިކަމަށް ބޭނުންވާ ވަޞީލަތްތައް ހޯދައިގެން އެ މަސައްކަތް ކުރަންޖެހޭ. ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް

މީގެއިތުރުން، އުތުރާއި ދެކުނުގައި އިން ބެލެއްޓުމުގައި ތަފާތުތަކެއް ހުންނާނެކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރަކީ އިންޑިއާ ކަނޑު މެދުވެރިކޮށް އެންމެ ގިނަ އުޅަނދު ދަތުރު ކުރާ ޗެނަލް ކަމަށެވެ. ނަމަވެސް ދެކުނުގައި އޮތް ޗާގޯސް އަކީ އަސްކަރީ ސިފަތަކެއް ހުރި ތަނަކަށް ވުމުން އެ ތަފާތު އަންނާނެކަން ފާހަގަކުރެއްވިއެވެ.

އިމުގެ މައްސަލަ ރާއްޖެއިން އެދުނު ގޮތަށް ނިމިގެން ދިޔުމާ ގުޅިގެން ކެބިނެޓާއެކު ރައީސް ޞާލިޙް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އެ ސަރަހައްދުގައި އާންމު އުސޫލުން މަހަކު އެއްފަހަރު ކުރިއަށްގެންދާ ސަވައިލަންސް އޮޕަރޭޝަންތައް ގަވައިދުން ކުރިއަށް ގެންދާނެ ކަމަށާއި، އެ ކަން ކުރުމުގައި އަވަށްޓެރި އެކުވެރި ގައުމުތަކުގެ އެހީތެރިކަން ވެސް ހޯދާނެ ކަމަށެވެ.

comment ކޮމެންޓް