ފުރަތަމަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 218.8 މިލިއަން ރުފިޔާ

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިރާގަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 218.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ބަޔާނަށް ބަލާއިރު، ފުރަތަމަ ތިން މަސް ދުވަހުގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ވަނީ 653.9 މިލިއަން ރުފިޔާ ލިބިފައެވެ. މި މުއްދަތުގެ ތެރޭގައި ވިޔަފާރި ހިންގައިގެން 279.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ، 257.1 މިލިއަން ރުފިޔާއެވެ.

ފުރަތަމަ ތިން މަސްދުވަހުގެ ފައިދާއިން ވަނީ ހިއްސާއަކަށް 2.88 ރުފިޔާ ޖެހިފައެވެ.

ދިރާގުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީބަޔާނުގެ އުސްއަލިތައް:

  • މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ: 342.9 މިލިއަން ރުފިޔާ
  • ފިކްސްޑް ބްރޯޑްބޭންޑް އަދި އެހެން ވިޔަފާރި: 291.9 މިލިއަން ރުފިޔާ
  • ހިންގުމުގެ ޚަރަދުތައް: 279.6 މިލިއަން ރުފިޔާ

ދިރާގުގެ މާލީ ބަޔާނަށް ބަލާއިރު، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުނީގެ ހިންގުމުގެ ޚަރަދުތައް ވަނީ ކުޑަކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގު ހިންގުމުގެ ޚަރަދު 279.6 މިލިއަން ރުފިޔާގައި އުޅޭއިރު، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި މިއަދަދު އުޅެނީ، 298.3 މިލިއަން ރުފިޔާގައެވެ.

ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ލިސްޓްކުރުމުގެ ގަވާއިދުގެ ދަށުން ކޮންމެ ކުއާޓަރެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި އެ ކުއާޓަރެއްގެ މާލީބަޔާން އާއްމުކުރަންޖެހެއެވެ. މިއަދަކީ ޕަބްލިކް ކުންފުނިތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ބަޔާން އާއްމުކުރަންޖެހޭ ދުވަހެވެ.

ކުއާޓާލީ ރިޕޯޓުގައި ހިމެނޭ މުހިންމު މައުލޫމާތުތަކުގެ ތެރޭގައި ކުންފުނި ތަރައްގީ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި، މަދުވެގެން ފައިދާ އާއި ގެއްލުމުގެ ބަޔާނާއި ބެލެންސްޝީޓާއި ކޭޝްފްލޯ ސްޓޭޓްމަންޓް ހިމެނެއެވެ.

comment ކޮމެންޓް