ސަރުކާރުގެ މައި ވިޔަފާރި ކުންފުނި, ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އާމްދަނީ ދަށަށް ދިޔަ ނަމަވެސް ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރެވުމާ ގުޅިގެން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 368 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ "ފުރަތަމަ ކުއާޓާގެ ރިޕޯޓު 2023"ގައި ވާގޮތުގައި, ނިމުނު ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީއަކީ 4.4 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 4.5 ބިލިއަން ރުފިޔާގެ އާމްދަނީއަށް ވުރެ ދަށް އަދަދެކެވެ.
އާމްދަނީ ދަށްވި ނަމަވެސް ނިމުނު ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ އާއި ހިންގުމުގެ ފައިދާގެ އިތުރުން ސާފު ފައިދާ ވެސް އޭގެ ކުރީ ކުއާޓަރަށް ވުރެ ބޮޑެވެ. ސަބަބަކީ ކުންފުނީގެ ވިޔަފާރި ކުރުމުގެ ހަރަދާއި ހިންގުމުގެ ޙަރަދުތައް ކުޑަކުރެވުމެވެ.
އެސްޓީއޯގެ ފުރަތަމަ ކުއާޓާ ރިިޕޯޓު 2023ގެ މާލީ އުސްއަލިތައް
- އާމްދަނީ - 4.4 ބިލިއަން ރުފިޔާ
- ޖުމްލަ ފައިދާ - 808.9 މިލިއަން ރުފިޔާ
- ހިންގުމުގެ ފައިދާ - 503.4 މިލިއަން ރުފިޔާ
- ސާފު ފައިދާ - 368.2 މިލިއަން ރުފިޔާ
- ހިއްސާއަކަށް ޖެހޭ އާމްދަނީ - 327ރ.
އެގޮތުން ވިޔަފާރި ކުރުމުގެ ޙަރަދުތައް, އޭގެ ކުރީ ކުއާޓާއަށް ވުރެ, 283.8 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާއިރު, ހިންގުމުގެ ޙަރަދުތައް ވަނީ 16.2 މިލިއަން ރުފިޔާ ކުޑަކުރެވިފައެވެ. މިއާ ގުޅިގެން އެސްޓީއޯގެ ސާފު ފައިދާ ވަނީ 37 ޕަސެންޓު އުފުލިފައެވެ.
ވިޔަފާރީގެ ފައިދާއަށް އައި ކުރިއެރުމުގެ އިތުރުން, އެސްޓީއޯގެ ދަރަނިތައް ކުޑަކުރެވިފައިވާކަން ވެސް ރިޕޯޓުން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ ކުއާޓާ ނިމުނުއިރު, 7.5 ބިލިއަނުގައި ހުރި ޖުމްލަ ދަރަނި މި ކުއާޓާ ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގައެވެ. ނަމަވެސް, އިންވެންޓްރީގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކީ 11.1 ބިލިއަން ރުފިޔާގައި ހުރި ކުންފުނީގެ ހަރުމުދަލުގެ އަގު ވަނީ 10.5 ބިލިއަން ރުފިޔާއަށް ވެއްޓިފައެވެ.