ފަސް ރަށެއްގައި 25 ޓަނުގެ އައިސް ޕްލާންޓް ގާއިމްކުރުން ފެނަކައަށް

ފަސް ރަށެއްގައި 25 ޓަނުގެ އައިސް ޕްލާންޓް ގާއިމްކުރުމަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ފަސް ރަށެއްގައި 25 ޓަނުގެ އައިސްޕްލާންޓް ގާއިމްކުރުމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ފެނަކައާ ހަވާލުކުރީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫގައި އައިސްޕްލާންޓް ގާއިމް ކުރުމަށެވެ.

މި މަސައްކަތް ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓާ ޖެނެރަލް އަޙްމަދު ޔާމީނެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދެވެ.

ފަސް ރަށެއްގައި 25 ޓަނުގެ އައިސް ޕްލާންޓް ގާއިމްކުރުމަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

މި މަސައްކަތް ފެނަކައާ ހަވާލުކުރީ އަށް މަސްދުވަހުގެ ތެރޭގައި ފަސް ރަށުގައި އައިސްޕްލާންޓް ގާއިމްކުރާގޮތަށެވެ. މިއީ ސައުދީ ފަންޑުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި އެއްބަސްވުމާ ގުޅިގެން ވާހަކަ ދައްކަވަމުން، މިނިސްޓަރު، ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، މީގެ ކުރިންވެސް މިނިސްޓްރީގެ ފަރާތުން އައިސްޕްލާންޓް ޤާއިމްކޮށްދޭނޭ ބަޔަކު ހޯދުމަށް ދެ ފަހަރެއްގެ މަތިން ބީލަމަށް ހުޅުވާލިކަމަށެވެ. އަދި މި މަސައްކަތް ފެނަކައާ ހަވާލުކުރީ ދެފަހަރު މަތިން ވެސް އެކަށީގެންވާ ބީލަމެއް ނުލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަސައްކަތް ފެނަކައިން ނިންމާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ގަދައަޅައި މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް ވެފައިވާ ވައުދުގެ ދަށުން ބައެއް ރަށްރަށުގައި އައިސްޕްލާންޓް ޤާއިމްކޮށް ނިމި އަދި ބައެއް ރަށްރަށުގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ފަސްރަށުގައި އައިސްޕްލާންޓް ޤާއިމްކުރެވުނީމަ އައިސްޕްލާންޓް ޤާއިމްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމަވާނެ ކަމުގައި ވިދާޅުވިއެވެ.

މި ފަސްރަށުގައި އައިސްޕްލާންޓް ޤާއިމް ކުރުމަށް ސައުދީ ފަންޑުން ވެދެއްވި އެހީއަށްޓަކައި މިނިސްޓަރު ވަނީ ސައުދީ ފަންޑަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ވަނީ، ކަނޑައެޅިފައިވާ މުއްދަތަށް އައިސްޕްލާންޓްގެ މަސައްކަތް ނިންމޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.

comment ކޮމެންޓް