މިލާނާއި ރޯމާގެ ވަރުގަދަ ކުރިމަތިލުން އެއްވަރު، ގޯލުތައް ފަހު ވަގުތު

އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ގެޓީ

އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ރޯމާގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ވާދަވެރިކޮށް ފެނިގެންދިޔަ އެ މެޗުގައި ދެ ޓީމުގެ ގޯލު ވެސް ފެނިގެންދިޔައީ މެޗު ނިމެނިކޮށެވެ.

މިލާނާއި ރޯމާއަކީ ލީގުގެ ގަދަ ހަތަރަކަށް މަސައްކަތްކުރާ ދެ ޓީމެވެ. ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް މިލާން އަދި ފަސްވަނައިގައި އޮތް ރޯމާއަށް، އެއިން ކޮންމެ ޓީމަކަށް ވެސް 32 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ގޯލުގެ ތަފާތުން ވެސް ދެ ޓީމު އެއްވަރެވެ. މިލާނަށް ކުރި ލިބެނީ ޖެހި ގޯލުންނެވެ. މިލާނުން 52 ގޯލު ޖަހާފައިވާ އިރު، ރޯމާއަށް ޖެހިފައިވަނީ 44 ގޯލެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މިލާންގެ ފަރާތުން އެޓޭކިން ގޭމެއް ފެނުނު ނަމަވެސް، ރޯމާގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. އެކަމާ ގުޅިގެން މިލާނަށް ރޯމާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް ރޯމާގެ ޑިފެންސް ރޫޅޭނެ ވަގުތަކަށް އިންތިޒާރުކޮށް، އޭގެ ފައިދާ ނެގުމަށް މިލާނުން މަސައްކަތްކުރިއެވެ.

ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ވެސް މިލާނަށެވެ. މެޗުގެ 34ވަނަ މިނެޓުގައި ލިއާންޑްރޯ ސްޕިނަޒޯލާ ދިން ބޯޅައަކުން ލޮރެންޒޯ ޕެލެގްރިނީ ފޮނުވާލި ހަމަލާ ރޯމާގެ ޓެމީ އަބްރަހަމް ވަނީ ބްލޮކްކޮށްފައެވެ. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގޯލު ޖަހާނެ ފުރުސަތެއް ފުރަތަމަ ތަނަވަސްކޮށްފައިވަނީ މިލާނުންނެވެ. މެޗުގެ 61ވަނަ މިނެޓުގައި ރަފައެލް ލިއާއޯ ދިން ބޯޅައަކުން އެލެކްސިސް ސޭލްމޭކާސް ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ދެ ޓީމުގެ ވެސް ގޯލެއް ފެނިގެންދިޔައެވެ. ޒެކީ ޗެލިކް ދިން ބޯޅައަކުން ރޯމާއަށް އިނގިރޭސި ފޯވަޑް ޓެމީ އަބްރަހަމް ލީޑު ހޯދައިދިން ނަމަވެސް، އޭގެ ހަތަރު މިނެޓު ތެރޭ މިލާނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިއާއޯ ދިން ބޯޅައަކުން މިލާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ސޭލްމޭކާސްއެވެ.

comment ކޮމެންޓް