ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭން، އެ ކްލަބު ދޫކޮށް ދާން މަސައްކަތްކުރަނީ ހިލޭ ޓްރާންސްފާއެއްގައި 2024 ވަނަ އަހަރު ކަމަށްބުނެ ހަބަރުތައް ފެތުރެން ފަށައިފިއެވެ.
ޓްރާންސްފާ މާކެޓު ހުޅުވެން ގާތްވެފައިވާ އިރު، މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަން ކޭންގެ ޓްރާންސްފާގެ ވާހަކަތަކެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ޓެލެގްރާފް" އިން ރިޕޯޓުކުރާ ގޮތުގައި ކުރިއަށްއޮތް ޓްރާންސްފާގެ މުއްދަތުގެ ތެރޭގައި ކޭން އެހެން ކްލަބަކަށް ނުދާނެއެވެ. އޭގެ ބަދަލުގައި އުމުރުން 29 އަހަރުގެ ކޭން މަޑުކުރާނީ، އޭނާ ޓޮޓެންހަމްއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަންދެން ކަމަށް އެ ނޫހުން ބުނެއެވެ. ކޭންގެ ކޮންޓްރެކްޓް އާނުކޮށްފި ނަމަ، 2024 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ބޭނުންވާ ކްލަބަކަށް ދެވޭނެއެވެ.
ކޭންއަކީ ޔޫރަޕުގެ ފުޓުބޯޅައިގައި ފުރިހަމަ ފޯވަޑެއްގެ ގޮތުގައި ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާއަށް ކްލަބު ފުޓުބޯޅައިގައި ޓޮޓެންހަމްއާއެކު ތައްޓެއް ހޯދިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ކޭން، އެހެން ކްލަބަކަށް ދިއުމަކީ ގާތް ކަމެއް ކަމަށް ހަބަރުތައް ބުނެއެވެ.
ކުރިއަށްއޮތް ޓްރާންސްފާ މުއްދަތުގެ ތެރޭގައި ކޭން ހޯދުމަށް ބޮޑެތި ކްލަބުތަކަކުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާ ހޯދުމަށް ޝައުގުވެރިވާ ކްލަބުތަކުގެ ތެރޭގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ.