ޖެޓް ފިއުލްއަށް ޚާއްސަ ފުރަތަމަ ބާޖު އެސްޓީއޯއިން ގެނެސްފި

މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިޔުލް އުފުލަން ހާއްސަކޮށްގެން ގެނައި "ލަގަނާ" ބާޖު -- ސަން ފޮޓޯ/މުހައްމަދު ނާއިލް ހުސެއިން

މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިޔުލްއަށް ޚާއްސަ ފުރަތަމަ ބާޖު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ގެނެސްފިއެވެ.

އެސްޓީއޯގެ ތެޔޮ ރައްކާ ކުރާ ރަށް، ފުނަދޫގައި ބޭއްވި ޙަފުލާއެއްގައި މި ބާޖު ނޫސްވެރިންނަށް ދައްކާލާފައިވާއިރު، މި ބާޖުގެ ނަމަކީ "ލަގަނާ"އެވެ. މިއީ ހަންސާ ކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީގެ އެހީތެރިކަމާއެކީ ބަނދެފައިވާ ބާޖެކެވެ.

"ލަގަނާ" ބާޖަކީ ރާއްޖޭގެ ފުރަތަމަ ޑެޑިކޭޓެޑް (ޚާއްސަ) ޖެޓް ފިއުލް ބާރޖް އެކެވެ. މިއީ އެސްޓީއޯ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން މާފަރު އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ޚާއްސަ ކުރެވިގެން ކޮމިޝަން ކުރެވުނު ބާޖެކެވެ.

އެސްޓީއޯ އިން ބުނީ މި ބާޖް ތައްޔާރުކުރީ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރިކަމާއެކު ގެންދިއުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމަށެވެ. އެ ބާޖަކީ އޭވިއޭޝަން ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަވާ ބާޖެއް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިޔުލް އުފުލަން ހާއްސަކޮށްގެން ގެނައި "ލަގަނާ" ބާޖު --- ސަން ފޮޓޯ/މުހައްމަދު ނާއިލް ހުސެއިން

"ލަގަނާ" އަކީ 200 ކިއުބިކް މީޓަރުގެ ޖާގަ ހުންނަ ބާޖެކެވެ. އަދި މިއީ ޒަމާނީ މިނެކިރުމުގެ އާލާތްތައް ބެހެއްޓިފައިވާ، ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެމަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާއެކު ކޮމިޝަންކޮށްފައިވާ އުޅަނދެކެވެ. މިއީ ރާއްޖޭގައި ބޭނުންކުރާ މިފަދަ ފިލްޓަރުތަކެއް ހަރުކުރެވިފައިވާ ފުރަތަމަ އުޅަނދެވެ.

އެސްޓީއޯ އިން ބުނީ މި ބާޖުގެ ކްރޫންނަށް ވެސް އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިންގެ އިތުރުން، ކަމާބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެސްޓީއޯ އިން ވަނީ ބާޖާ އެކީ، އިންޑަސްޓްރީގެ ބެސްޓް ޕެރެކްޓިސްއާ އެއްގޮތަށް، ޖެޓް އޭ-1 ތެޔޮ ރިފައިނަރީން ފެށިގެން ފްލައިޓްއާ ހަމައަށް ޓްރޭސް ކުރެވޭނެ ކުއަލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމު ކޮށްފެއެވެ. އެގޮތުން ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގައި އެސްޓީއޯ އިން މާލޭގައި ގާއިމުކުރި ލެބޯޓްރީގައި ޓެސްޓްކުރާނެއެވެ.

comment ކޮމެންޓް