އެމްއެމްޕީއާރްސީން މި އަހަރުގެ ކޭއައިޓީއެފް ފެއާގައި ބައިވެރިވެއްޖެ

ކަޒަކިސްތާން އިންޓަނޭޝަނަލް ޓޫރިޒަމް ފެއާގައި ރާއްޖޭގެ ސްޓޯލް --

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)އިން ކަޒަކިސްތާނުގެ އަލްމާޓާގައި ބޭއްވި ކަޒަކިސްތާން އިންޓަނޭޝަނަލް ޓޫރިޒަމް ފެއާގައި ބައިވެރިވެެއްޖެއެވެ.

މި ފެއާ އޮތީ މި މަހުގެ 19އިން 21އަށެވެ. އެމްއެމްޕީއާރުސީ ހިމެނޭހެން 24 ކުންފުންޏެއްގެ 45 މަންދޫބުން މި އަހަރުގެ އެ ފެއާގައި ބައިވެރިވެފައިވެއެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި މިއީ ކަޒަކިސްތާނުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އޮންނަ މަގުބޫލުކަން އިތުރުކުރުމަށް ފުރުސަތު ލިބުނު ފެއާއެކެެވެ. މި ފެއާގައި ރާއްޖެއަށް ރެކޮގްނިޝަން އެވޯޑެއް ވެސް ލިބިފައިވެއެވެ.

ރާއްޖޭގެ ސްޓޯލު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ހިތްގައިމުކަން ރަމްޒުކޮށްދޭހެންނެވެ. އެއާއެކު ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމުގެ މައުލޫމާތުވަނީ ސްޓޯލުގައި ހިއްސާކޮށްފައެވެ.

ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ޚާއްސަ ގުރުއަތެއް ބާއްވައި، ރާއްޖެއަށް ހިލޭ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ނަސީބުވެރި ދެ ފަރާތަކަށް ވަނީ ލިބިފައެވެ. މިއީ ބަނޑޮސް މޯލްޑިވްސް އާއި މަޑިފުށި ޕްރައިވެޓް ލިމިޓެޑުން ސްޕޮންސަރުކޮށްފައިވާ އިނާމެކެވެ.

ކަޒަކިސްތާން އިންޓަނޭޝަނަލް ޓޫރިޒަމް ފެއާގައި ރާއްޖޭގެ ސްޓޯލް --

މި އަހަރު ފެށުނުއިރު އެމްއެމްޕީއާރުސީއިން ވަނީ މި ސަރަހައްދުގައި ރާއްޖެ އިޝްތިހާރުކުރުމަށް މޮސްކޯ ޑައިވްޝޯގައި ބައިވެރިވެފައެވެ. މި ފެއާގައި ބައިވެރިވުމުގެ އިތުރުން އެމްއެމްޕީއާރުސީއިން މި އަހަރު ސެންޓްރަލް އޭޝިއާ ސަރަހައްދުގައި އޮންނަ އެލްޓީއެމް މޮސްކޯ އަދި
ޑީޓީއެމް ކަޒަކިސްތާންގައި ބައިވެރިވާނެއެވެ.

ކަޒަކިސްތާން އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ ބާއްވަން ފެށީ 2001ވަނަ އަހަރެވެ. މިއީ އެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އަދި މަޝްހޫރު އެއް ފެއާއެވެ. މި ހަރަކާތަކީ
ސެންޓަރަލް އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ
ފަރާތަކުން ވެސް ބައިވެރިވާ ފެއާއެކެވެ.

comment ކޮމެންޓް