އއ. މަތިވެރީގައި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ގާއިމްކުރާ ފެނުގެ ނިޒާމުގެ މަސައްކަތް އިއްޔެ ނިންމައިލައިފިއެވެ.
މި މަސައްކަތް ނިންމައި މިހާރު ކުރިއަށްދަނީ ޚިދުމަތް ދިނުމަށް ތައްޔާރުވުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. އެ މަސައްކަތަށް މިހާރު ޕްލޭނިން މިނިސްޓްރީއާއި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީގެ އޮފިޝަލުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި މަޝްރޫއުގެ ދަށުން، މަތިވެރީގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތް ގާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކު އަޅައިފައިވެއެވެ. އަދި އެ ނެޓްވޯކުން ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި ރިޖެކްޓް ލައިން ވެސް ވަނީ އަޅާފައެވެ. ހަމައެއާއެކު ފެން ތަހުލީލުކުރުމަށް ބޭނުންވާ ތަކެތި ވެސް ފޯރުކޮށްދޭނެއެވެ.
މި މަސައްކަތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މަތިވެރީ ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް ވިދާޅުވީ މިއީ ރައްޔިތުންނަށް އުފާވެރިކަން ލިބުނު ކަމެއް ކަމަށެވެ. އަދި ވަރަށް ގިނަ ދުވަސްތަކެއް ރައްޔިތުން އިންތިޒާރު ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ލިބުނު ވަރަށް ރަނގަޅު ކަމެއް މިއީ. ރައްޔިތުންނަށް ސާފު ފެނުގެ ނިޒާމެއް ލިބުނީ މި. ދެން މި ފުރުސަތުގައި އަޅުގަނޑު މި ދާއިރާގެ މެމްބަރު [ހަސަން ޒަރީރު]އަށާއި ސަރުކާރަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

މަތިވެރީގައި ފެނުގެ ނިޒާމު ގާއިމްކުރުން -- ފޮޓޯ/ އެމްޑަބްލިއުއެސްސީ
އަސްލަމް ވިދާޅުވީ ރައްޔިތުން ދެން އެންމެ އަވަހަށް ބޭނުންވާނީ ރަށުގެ ނަރުދަމާގެ މަސައްކަތް ނިންމަން ކަމަށެވެ. އެ މަސައްކަތް ވެސް އަވަސް ދުވެއްޔެއްގައި ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
މަތިވެރީގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ ޖުމްލަ އަގަކީ 38.82 މިލިއަން ރުފިޔާއެވެ.