ލަންކާއިން ދަރަނި ކުޑަކުރުމަށް، އައިއެމްއެފް ޕްރޮގްރާމް ފާސްކުރުމުގެ މަސައްކަތް ފަށައިފި

ސްރީލަންކާގެ އިގްތިސާދު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް -- ފޮޓޯ/ އޭޕީ

ސްރީލަންކާގެ ދަރަނި ކުޑަކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ދީފައިވާ ލަފާގެ މަތިން އެކުލަވާލާފައިވާ ޕްރޮގްރާމެއް ފާސްކުރުމަށް އެގައުމުގެ ޕާލިމެންޓަށް ހުށަހަޅައިފިއެވެ.

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ އެ ޕްރޮގްރާމް ފާސްކުރުމަށް ޕާލިމެންޓުގައި އެދިވަޑައިގެންފައެވެ.

އެގައުމުގެ ޕާލިމެންޓުން މިއަދު ވަނީ އެ ޕްރޮގްރާމާ ބެހޭ ގޮތުން ބަހުސް ކުރަން ފަށާފައެވެ. އެ ބަހުސް ތިން ދުވަހަށް ކުރިއަށްގެންދިޔުމަށް ފަހު، ވޯޓަށް އަހާނެއެވެ.

އޭޕީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިއެމްއެފްގެ އެ ޕްރޮގްރާމް ޕާލިމެންޓުން ފާސްކުރާނެ ކަމަށް ބެލެވެއެވެ. އެ ޕްރޮގްރާމްގެ ދަށުން، އެކި ފިޔަވަހިތަކަށް ބަހާލައިގެން އައިއެމްއެފްއިން ލަންކާއަށް ތިން ބިލިއަން ޑޮލަރު ދޭނެއެވެ.

ވިކްރަމަސިންހަ ވިދާޅުވީ އައިއެމްއެފްގެ ޕްރޮގްރާމާ މެދު ޕާލިމެންޓުން ގޮތެއް ނިންމުމުން، ކުރިއަށް އޮތް 25 އަހަރު އެގައުމުން ތަންފީޒުކުރާނެ އިގްތިސާދީ ސިޔާސަތުތައް ކަނޑައެޅުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަޝްވަރާތައް ފަށާނެ ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ލަންކާއަށް ބޭރު ފައިސާ ލިބުން ހުއްޓުމާ ގުޅިގެން މިދިޔަ އަހަރު އެގައުމުން ވަނީ ބޭރުގެ ދަރަނި ދެއްކުން ހުއްޓާލާފައެވެ.

ވިކްރަމަސިންހަ ވިދާޅުވީ، މިދިޔަ ޖުލައި މަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު ގައުމުގެ އެތެރޭގެ ދަރަންޏާއި ބޭރުގެ ދަރަނި ޖުމްލަ 83.6 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ދަރަންޏަށް ލުއިތައް ހޯދައި، ދަރަނި ދައްކާ ގޮތަށް ބަދަލުތައް ގެނައުމަށް މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ. އެގޮތުން ބޮޑެތި ލޯންތައް ދޭ ގައުމުތައް ހިމެނޭ ޕްރެސް ކްލަބާއި އިންޑިއާއާއި ޗައިނާއާ މަޝްވަރާތައް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް