ޓްރޭޑް ޔޫނިއަންތަކަށް ގާނޫނީ ބާރުދޭ ބިލުގެ ބަހުސް ފަށައިފި

މަޖިލިސް ޖަލްސާއެއް ކުރިއަށްދަނީ -- ފޮޓޯ/ މަޖިލިސް

ގާނޫނު އަސާސީން ކަށަވަރުކޮށްދިފައިވާ މަސައްކަތްތެރިންގެ ޖަމުއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމުއިއްތާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާ ނުވުމުގެ ހައްގު ކުރިއަރުވައި، ކަށަވަރުކޮށްދޭ، އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލުގެ ބަހުސް ފަށައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ފަށައިފައެވެ.

ސަރުކާރުގެ ފަރާތުން ބިލު ހުށަހަޅާފައިވާ ސަބަބުތައް

  • މަސައްކަތްތެރިންގެ ޖަމުއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށް، އެ ހައްގު ލިބިދެވޭނެ ދާއިރާތައް އެކަށައެޅުން.
  • މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފައްދައި، އެ ޔޫނިއަންތައް ހިންގުމާ ގުޅޭ އުސޫލުތައް ގާއިމް ކުރުން.

ބިލުގައި ބުނެފައި ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ގާނޫނު ވުޖޫދުވުމާއެކު މަސައްކަތްތެރިންނާ ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްވާނެ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓޭ ހާލަތުގައި އެފަދަ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ވެސް އެކަށައެޅިފައިވާ ކަމަށް ވެސް އެ ބިލްގައިވެއެވެ.

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާން ކޮށްފައިނުވާހާ ހިނދަކު، އެހެން ގާނޫނެއްގެ ދަށުން އިސްތިސްނާ ކޮށްފައިވާ ފަރާތްތައް ފިޔަވާ، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަލުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތްތެރިންނާ، ވަޒީފާ ދޭ މީހުންގެ މައްޗަށް އެ ގާނޫނު ހިނގާނެ ކަމަށް ވެސް ބިލުގައިވެއެވެ.

ނަމަވެސް އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި، ފުލުހުންގެ ޚިދުމަތް އަދި ރައީސް އައްޔަނުކޮށް ވަކިކުރާ ބޭފުޅުން އެ ގާނޫނު ހިންގުމުގެ ދާއިރާއިން އިސްތިސްނާ ވާނެއެވެ.

ބިލުގައި ބުނެފައި ވަނީ އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ޔޫނިއަންތައް ހިންގުމާއި ޔޫނިއަންތަކުގައި ހަރަކާތްތެރިވުމުގެ ހައްގު، ރަޖިސްޓަރީ ކޮށްގެން ހިންގާ ހުރިހާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކަށް ލިބޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ އިންޑަސްޓްރިއަލް ރިލޭޝަންސް ގަނޫނު ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމަށް އެދި މަސައްކަތެރިންނާ ގުޅޭ އެކި ޖަމުއިއްޔާ ޖަމާއަތްތައް ތަމްސީލުކުރުމަށް އެކުލަވާލައިފައިވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ވަނީ 2021 ވަނަ އަހަރު ރައީސްއާ ވެސް ބައްދަލުކޮށްފައެވެ.

މެމްބަރުން ފާހަގަ ކުރި ގޮތުގައި ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލު ލިބެން އޮތީ މި ގާނޫނު ވުޖޫދުވެގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް