ކޮމްޕެނީގެ ބާންލީން ޗެމްޕިއަންޝިޕްގެ ތަށި ކަށަވަރުކޮށްފި

އީއެފްއެލް ޗެމްޕިއަންޝިޕްގައި ބްލެކްބާން ބަލިކުރި މެޗަށްފަހު ބާންލީގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބާންލީން އިނގިރޭސި ދެވަނަ ޑިވިޝަން ކަމަށްވާ އީއެފްއެލް ޗެމްޕިއަންޝިޕްގެ ތަށި ކަށަވަރުކޮށްފިއެވެ.

ބާންލީން ވަނީ މިމަހުގެ ކުރީކޮޅު މިޑްލްސްބްރޯ ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ވެސް ކަށަވަރުކޮށްފައެވެ. އެހެންކަމުން އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުން ބާންލީ ފެނިގެންދާނީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

ބްލެކްބާން ރޯވާސްއާ ދެކޮޅަށް ބާންލީން ރޭ ނުކުތީ ތާވަލުގެ އެއްވަނައިގައި ދިހަ ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ. ބްލެކްބާންއާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން ހޯދި މޮޅާއެކު ތާވަލުގެ ދެވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑާއި ބާންލީއާ ދެމެދު މިހާރު އޮތީ 13 ޕޮއިންޓުގެ ފަރަގެކެވެ. ސީޒަނުގައި ބާންލީއަށް އަދި ބާކީ ހަތަރު މެޗު ވެސް އޮންނާނެއެވެ.

ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ -- ފޮޓޯ/ ގެޓީ

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގެ ކުޅުމުން، ބާންލީއަށް އަދި އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ ކަމަށް ވެސް ބެލެވުނެވެ. ނަމަވެސް މެޗުގެ 66 ވަނަ މިނެޓުގައި މެނުއެލް ބެންސަން ޖެހި ގޯލުން ބާންލީން އެކަން ކާމިޔާބުކުރިއެވެ. އޭނާގެ ހަމަލާ އަމާޒުކޮށްލާފައިވަނީ ބްލެކްބާން ގޯލުގެ މަތީ ކަނަކަށެވެ.

ބާންލީން ދައްކަމުންދާ ކުޅުމުން ގިނަ ބަޔަކު އެންމެ ބޮޑަށް ތައުރީފުކުރަމުންދަނީ އެޓީމުގެ ކޯޗު ކޮމްޕެނީއަށެވެ. އޭނާއަކީ މެންޗެސްޓާ ސިޓީގެ ކެޕްޓަނެއްގެ ގޮތުގައި ޕްރިމިއާ ލީގުގައި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. ކޯޗިން ކެރިއަރަށް ނުކުމެ، ހޯދަމުންދާ ނަތީޖާތަކާ ގުޅިގެން ބޮޑެތި ކްލަބުތަކަކުން ދަނީ ކޮމްޕެނީ ހޯދުމަށް މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް