ޓޮޓެންހަމް ހޮޓްސްޕާގެ ވަގުތީ ކޯޗު ކްރިސްޓިއަން ސްޓެލިނީ ވެސް މަގާމުން ވަކިކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 6-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ސްޓެލިނީ އާއި އޭނާގެ ކޯޗިން ސްޓާފް، ކްލަބު ދޫކޮށް ގޮސްފައިވާ ކަމަށް ޓޮޓެންހަމުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޓޮޓެންހަމްގެ ވަގުތީ ކޯޗުކަމާ ސްޓެލިނީ ހަވާލުވީ އެކްލަބުގެ ކޯޗުކަމުން މިދިޔަ މަހުގެ 26 ވަނަ ދުވަހު އެންޓޯނިއޯ ކޮންޓޭ ވަކިކުރުމަށްފަހުއެވެ. އަނެއްކާ ޓޮޓެންހަމުން ސްޓެލިނީ، މަގާމުން ވަކިކޮށްފައި މިވަނީ އޭނާއާ ކްލަބު ހަވާލުކުރިތާ މަހެއް ވެސް ނުވަނީހެވެ.
"ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުން އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވޭނެ. އެއީ ބަލަން ވެސް އުނދަގޫ މަންޒަރެއް. އަހަރެންނާއި ކްލަބުގެ ބޯޑާއި ކޯޗުން އަދި ކުޅުންތެރިން ވެސް މިކަމުގައި ހަމަހަމައަށް ޒިންމާ ނަގަން ޖެހޭނެ. ސްޓެލިނީ އާއި އޭނާގެ ކޯޗިން ސްޓާފް މަގާމުތަކުން ވަކިވާނެ،" ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
ލެވީ ވިދާޅުވީ ކޯޗުކަމާ ސްޓެލިނީ ހަވާލުވީ ސީޒަންގެ އުނދަގޫ ހިސާބެއްގައި ކަމަށާއި ސްޓެލިނީ އާއި އޭނާގެ ކޯޗިން ސްޓާފުން ކްލަބާއެކު ކުރި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ޓޮޓެންހަމްގެ ވަގުތީ ކޯޗުކަމާ ދެން ހަވާލުވާނީ ކުރިން ވެސް އެ މަގާމު އަދާކޮށްފައިވާ ރަޔަން މޭސަން ކަމަށް ލެވީ ވިދާޅުވިއެވެ.
"ދެން ހެޑް ކޯޗުގެ މަގާމާ ހަވާލުވާނީ ރަޔަން މޭސަން. އޭނާއަށް ކްލަބު އަދި ކުޅުންތެރިން ވެސް ރަނގަޅަށް އެނގޭނެ. އޭނާގެ ކޯޗިން ސްޓާފް ފަހުން އިއުލާންކުރެވިގެންދާނެ،" ލެވީ ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗުގައި ނިއުކާސަލް އަތުން ލިބުނު ބޮޑު ބައްޔާއެކު ޓޮޓެންހަމަށް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޓޮޓެންހަމް މިވަގުތު ތާވަލުގެ ފަސްވަނައިގައި އޮތް އިރު، ހަތަރުވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ޓޮޓެންހަމުން ވަނީ ޔުނައިޓެޑަށްވުރެ އިތުރަށް ދެ މެޗު ކުޅެފައެވެ.