ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރުއަޅަން އެމްޓީސީސީއަށް

ބޮޑުތަކުުރުފާނުމަގުގައި އެންމެ ފުރަތަމަ ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ދިޔައިރު --- ސަން ފައިލް ފޮޓޯ

ބޮޑުތަކުރުފާނު މަގުގެ ބާކީ އޮތްބައިގައި ތާރުއެޅުމަށް އެމްޓީސީސީއަށް ހަވާލުކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މި އަހަރުގެ ފެބްރުއަރީ މަހު ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ބައިގައި ތާރު އެޅުމަށް ޕްލޭންކޮށް ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން މިދިޔަ މަހު ބަޔަކާ ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވަނީ އޭރު ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އަކްރަމް އޭރު ވިދާޅުވީ، އެ މަސައްކަތް ބަޔަކާ ހަވާލުކުރި ނަމަވެސް މަސައްކަތް ފެށޭނެ ކަމަށް ބެލެވެނީ ރޯދަމަހުގެ ފަހުން ކަމަށެވެ.

އޭގެ ފަހުންވެސް އެކަމުގެ އަމަލީ މަސައްކަތް އަދި ފެށިފައިނުވާއިރު، އެކަމާ ގުޅިގެން އަކްރަމް މިއަދު "ސަން"އަށް ވިދާޅުވީ، އެ މަސައްކަތް ހަވާލުކުރަން ނިންމާފައި ވަނީ އެމްޓީސީސީއާ ކަމަށެވެ. އަދި މިހާރު ކުރެވެމުންދަނީ ލިޔެކިޔުންތަކުގެ މަސައްކަތް ކަމަށާއި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ ލިޔެކިޔުންތަކުގެ މަސައްކަތް ނިމުނީމަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސައްކަތް ފެށޭނެ ސީދާ ތާރީޚެއް ނޭނގެ. ލިޔެކިޔުންތަކުގެ މަސައްކަތް ނިމުމުން އިނގޭނީ،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމައަށް ވަނީ ތާރު އަޅާފައެވެ.

މި ސަރުކާރުން އަންނަނީ އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެންމެ ފުރަތަމަ އާރުޑީސީއަށް އެ މަސައްކަތް ހަވާލުކުރި ނަމަވެސް، ފަހުން ވަނީ ތާރުއެޅުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައެވެ. އެގޮތުން އަމީނީ މަގު ސްޓެލްކޯއާ ހިސާބަށް އެމްޓީސީސީން ވަނީ ތާރުއަޅައިފައެވެ.

comment ކޮމެންޓް