ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ގދ. ފަރެސްމާތޮޑާއާ ގުޅިފައިވާ ހިސާބަކުން ވެލި ނަގާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ރައްޔތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ފަރެސްމާތޮޑާ ދެކުނު ފަރާތް ހިއްކުމަށްޓަކައި ފަސް ނެގުމަށް ސާވޭ ހިމެނިފައިވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ވީ ހިނދު، ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދު ކޮނެގެން ފުވައްމުލަކަށް ވެލި ގެންދިޔުމަކީ ވަރަށް ޒިންމާދުރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި ފަރެސްމާތޮޑާގެ އެއްވެސް ހިސާބެއް ކޮނެގެން ފުވައްމުލަކަށް ވެލި ގެންދިޔުމަށް އީޕީއޭއިން ހުއްދަ ދީފައި ނެތީސް، އެގޮތަށް ވެލި ގެންދިޔުމަކީ ގަވާއިދާ ޚިލާފަށް ކުރަމުންދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަރެސްމާތޮޑާ ފުޓުބޯޅަ ދަނޑު ރަނގަޅު ފެންވަރެއްގައި ހެދުމަށް ބޭނުންވާ ވެލި އެއާޕޯޓު މަޝްރޫގެ ތެރެއިން ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީ އާ ދެމެދު މަޝްވަރާ ކޮށް ވެލި ނުލިބުމުގެ ސަބަބުން އެ މަސައްކަތް ވެސް ހުއްޓިފައިވާ ކަން ފާހަގަކުރެއްވިއެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމަށް ކަނޑުގެ ވަރަށް ދުރު ސަރަހައްދަކުން ނަގާފައިވާ ވެލި، އެ މަޝްރޫއަށް ބެނުންކުރުމަށް ފަހު ބާކީ ވާ ވެލިން 45،000 ކޮޑިމީޓަރުގެ ވެލި ފުވައްމަލު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުން ކުރުން އެންމެ ރަނގަޅު ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޕްލޭނިން މިނިސްޓްރީއަށް ވަނީ އަންގާފައެވެ.
މެމްބަރު ވިދާޅުވީ މިއީ ދެ ރަށެއްގެ ދެމެދު ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި، މިއީ އެ މަސައްކަތް ކުރުމަށް ހުއްދަ ދެމުންދާ އޮތޯރިޓީ ތަކުގެ މެދުގައި ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ.
މިކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް އިއްޔެ "ސަން" އަށް ވިދާޅުވީ ފަރެސްމާތޮޑާގައި ޕްލޭނިން މިނިސްޓްރީން ކުރާ މަސައްކަތްތަކަކަށް ވެލި ނަގާ ކަމަށާއި އެ ނަގާ ވެލީގެ ތެރެއިން ފަރެސްމާތޮޑާގެ މަސައްކަތްތަކަށް ބޭނުންނުވާނެ ކަމަށް ބުނާ ވެލިތަކެއް އެބަހުރި ކަމަށެވެ.
ފަރެސްމާތޮޑާއިން ނަގާ ވެލީގެ ތެރެއިން އެ ރަށުގައި ބޭނުން ނުކުރާ ވެލި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ގެންދަން އެދުމުން އެ ކަން ކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ކުރިން ވެސް އެއް ރަށުން އަނެއް ރަށަށް ގިނަވެފައި ހުންނަ ވެލި ގެންގޮސްފައި އެބަހުރި ކަމަށް ވިދާޅުވިއެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަންނަން ނެގި ވޯޓުގައި ހާޒިރު ވެ ތިއްބެވި 46 މެމްބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 12 މެމްބަރުންނެވެ. ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވާފައިވާތީ މައްސަލަ ބަލައިގަންނަން ފާސްވެފައެއް ނުވެއެވެ.