ޝާޔާ ހޯދި ކާމިޔާބީ ފާހަގަކޮށް ނައިބު ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ނައިބު ރައީސް ޝާޔާ އަދި އޭނާގެ މައިން ބަފައިންނާ އެކު / ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގްވާމީ ގުރުއާން މުބާރާތެއްގެ ނުބަލާ ކިޔެވުމުގެ ގޮފިން ދެވަނަ ހޯދި އިސްކަންދަރު ސްކޫލްގެ ދަރިވަރު ފާތިމަތު ޝާޔާ ޒާހިރު ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިސްރުގައި ބޭއްވި 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޯލީ ޤުރުއާން" މުބާރާތުން ޝާޔާ ދެވަނަ ހޯދީ 58 ގައުމެއްގެ ބައިވެރިންނާ ވާދަކޮށްގެންނެވެ.

ފެބްރުއަރީ މަހު ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު މިސްރުގައެވެ. ޝާޔާއަށް އިނާމު ހަވާލުކޮށްދެއްވީ މިސްރުގެ ރައީސްް އަބްދުލްފައްތާޙް އަލްސީސީއެވެ.

ޝާޔާ އާ ބައްދަލު ކުރައްވައި ނައިބު ރައީސް ވަނީ ޝަޔާއަށް ހިތްވަރުދެއްވާ، އެގޮތުގައި ކުރިއަށްދިއުމަށް އެދިވަޑައިގެންފައެވެ. އަދި ރުއާނުގެ ޢިލްމު އުނގެނުމުގައި ދެމިހުރުމަށް ވެސް ނަސޭހަތްތެރި ވެވަޑައިގެންނެވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ޝަޔާގެ މަންމަ އާއި ބައްޕަ އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާޔާ ހޯދި ކާމިޔާބީއަކީ މުޅި ރާއްޖެ ފަޚުރުވެރިވާ ކާމިޔާބީއެއް ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މި މުބާރާތަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް ޤުރުއާން މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 58 ގައުމަކުން 100 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ.

ދެހާސްއެކާވީސްވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތުގައި މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިގައިވެސް ޝާޔާ ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.

އުމުރުން 14 އަހަރުގެ ޝާޔާ ވަނީ އޭނާގެ އުމުރުން 10 އަހަރުގައި ޤުރުއާން ހިތުދަސްކޮށްފައެވެ.

comment ކޮމެންޓް