ގަދަ ހޫނަށް ފަހު މެޓުން ކުރިއަށް ލަފާކުރަނީ ވިއްސާރަ ދުވަސްތަކެއް

މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އޭގެ ސަބަބުން ހޫނު މަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

އޭޕްރީލް މަހާއި މޭ މަހަކީ ރާއްޖެއަށް މި އަހަރު އެންމެ ހޫނު ގަދަ ވާނެ ދުވަސްތައް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައިވެއެވެ.

މެޓް އޮފީހުން ބުނީ މިއަދު، މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އެ އިދާރާއިން ބުނީ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.

ވައި މަޑުވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ބުނީ ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު ތިން މޭލާއި 13 ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓުން ބުނެއެވެ.

ހޫނުގަދަ ދުވަސްތަކަކަށް ފަހު ރޭ، މާލެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހިފައިވެއެވެ. މާލެ ސަރަހައްދުގެ އިތުރުން އއ. އަތޮޅާއި އައްޑުއަށް ވެސް ބޯކޮށް ވާރޭ ވެހިފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 32.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ގަމަށެވެ. ގަމަށް 17.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ރޭ، މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ތަންތަނުގައި ވަނީ ފެންބޮޑުވެފައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފެންބޮޑުވެ، ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވެއެވެ.

comment ކޮމެންޓް